ފައްޔާޒުގެ އިންޒާރެއް: ޕާޓީ ފުނޑުފުނޑު ކޮށްލިޔަކަ ނުދޭނަން!

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ: ފަޔާޒް މޫސާ

އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ "ތުން ފިއްތުން" ތަކުގައި އެ ޕާޓީ ފުނޑުފުނޑު ކޮށްލަން ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި، އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހު ބޭއްވި އެ ޕާޓީގެ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހުގައި އެމްޑީޕީގެ ރައީސް އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. ރައީސާ އެކު މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ، ނަޝީދު ގެންދަވަނީ ޖުމްހޫރީ ޕާޓީއާ އެކު ސިޔާސީ މަޝްވަރާތައް ކުރައްވަމުންނެވެ.

މިއަދު އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ފައްޔާޒު ވަނީ މާދަމާ އޮންނަ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެ ޕާޓީއަށް ކާމިޔާބުވިޔަ ނުދޭން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

މިގޮތުން، އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން ގުރައިދޫ ދާއިރާގެ މެންބަރުންނަށް ގުޅާ، އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒަށް ވޯޓު ނުދިނުމަށް އެދެމުންދާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ. އެ ތުހުމަތާ އެކު ފައްޔާޒު ވިދާޅުވީ، "އިޙްތިރާމުު ކުރުމުގެ ގޮތުން ވެސް ބެލޭނީ ވަކި ވަރަކަށް" ކަމަށާއި ޕާޓީ ފުނޑުފުނޑު ކޮށްލަން ކުރަމުންދާ މަސައްކަތް ބަލައިނުގަންނާނެ ކަމަށެވެ.

"ރިޔާސީ ޓިކެޓާ ގުޅިގެން އުފެދިފައިވާ ތުންފިއްތުން މިހާރު މުޅިން އެހެން ހިސާބަކަށް ގޮސް، ޕާޓީ ފުނޑުފުނޑު ކޮށްލަން ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުވިޔަ ނުދޭނަން. އިޙްތިރާމުު ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް،" އޭނާ ވިދާޅުވިއެވެ.

https://sun.mv/175619

ޕްރައިމަރީއަށް ފަހު، ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރައްވައި މެންބަރުން ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެ ޕާޓީގެ ތެރޭގައި ވަކި ހަރަކާތެއް ހިންގަމުންނެވެ. އެ ހަރަކާތުން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ތާއީދުކުރަން ނިންމައި، ކޯލިޝަން އެގްރީމެންޓެއް ހެދުމުގެ މަޝްވަރާތައް ފައްޓަވައިފައެވެ.

ފާޅުގައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަށް ތާއީދު ކުރެއްވި ނަމަވެސް، އެމްޑީޕީން މީގެ ކުރިން ބުނެފައިވަނީ ނަޝީދާ މެދު ފިޔަވަޅެއް އެޅުމުގެ ވިސްނުން އެ ޕާޓީގައި ނެތް ކަމަށެވެ. އެކަމަކު، ފައްޔާޒުގެ އިންޒާރާ އެކު އެ މަންޒަރު ބަދަލުވެދާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް