ނަޝީދަށް ފިޔަވަޅު އެޅުމުގެ ވިސްނުމެއް އެމްޑީޕީގެ ނެތް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: އެ މަނިކުފާނު ވަނީ ޕާޓީގެ ކެންޑިޑޭޓަށް ތާއީދުނުކޮށް، ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކުރަން ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ދެކޮޅު ހައްދަވައި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާ އެކު މަސައްކަތް ކުރައްވަން ފައްޓަވާފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ މެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ނެތް ކަމަށް އެ ޕާޓީން ބުނެފިއެވެ.

މި އަހަރު ބޭއްވި އެ ޕާޓީގެ ޕްރައިމަރީން ނާކަމިޔާބުވުމަށް ފަހުގައި ނަޝީދު ގެންދަވަނީ އެމްޑީޕީ ތެރޭގައި 'ފިކުރެއްގެ ދިރުން' ނަމުގައި ވަކި ހަރަކާތެއް ހިންގަވަމުންނެވެ. އެ ހަރަކާތުން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީއާ ގުޅިގެން މަސައްކަތް ކުރަން ނިންމައިފައެވެ.

އެކަމަކު، އެއީ، އެމްޑީޕީގެ އަސާސީ ގަވާއިދު ތަންދޭ ކަމެއް ނޫނެވެ. އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) "ސަން"އަށް ވިދާޅުވީ ނަޝީދު އެފަދައިން މަސައްކަތް ކުރެއްވި ނަމަވެސް އެ މަނިކުފާނަށް ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް މި ވަގުތު އެ ޕާޓީން ނުގެންގުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އެ ޕާޓީގެ ހުރިހާ ވިސްނުމެއް ހުރީ އިންތިޚާބު ކާމިޔާބު ކުރަން ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބުރާހިމް ވަހީދު (އިބުރޭ): ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އެ ނޫން އެއްވެސް ކަމަކާ ވިސްނާނީ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ އިންތިޚާބަށް ފަހުގައި ކަމަށް ދާދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އިބުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒެއް ހުރީ ޕާޓީގެ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރުމަށް، ދެން ހުރި ކަންތައް އަޅުގަނޑުމެންނަށް އަންނާނީ އޭގެ ފަހުން." އޭނާ ވިދާޅުވިއެވެ.

ޕްރައިމަރީން ނާކަމިޔާބުވުމުން ފިކުރެއްގެ ދިރުން ހަރަކާތުން ވަނީ ޖޭޕީއާ ގުޅެން ނިންމާ، ކޯލިޝަން އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފައެވެ. އެހެންވެ، އެ ހަރަކާތަށް ނިސްބަތްވާ އިސް ބޭފުޅުން ސަރުކާރުގެ ވަޒީފާތަކުން ވެސް ވަނީ ވަކިކޮށްފައެވެ.

https://sun.mv/175594

ޖޭޕީގެ ފަރާތުން މި އަހަރުގެ އިންތިޚާބުގައި ވާދަކުރައްވާނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އޭނާ ވަނީ އެ ޕާޓީގެ ފަރާތުން 2008ވަނަ އަހަރާއި 2013ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ވާދަ ކުރައްވައިފައެވެ.

ގާސިމް މި އަހަރުގެ އިންތިޚާބުގައި ވާދަކުރަން ނިންމާފައި ވަނީ އެކުގައި އިންތިޚާބަށް ނުކުންނަން ރައީސް ޞާލިޙް ދައުވަތު ފޮނުއްވާފައި ވަނިކޮށެވެ.

comment ކޮމެންޓް