އަމްރު މަގާމުން ވަކިކުރަން ރައީސް އަންގަވައިފި

އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރު މުހައްމަދު ރަޝާދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުޙައްމަދު ރަޝާދު، މަގާމުން ވަކިކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު މިއަދު "ސަން"އަށް ވިދާޅުވީ އަމްރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން ވަކިކުރަން ރައީސް ޞާލިޙް މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އަށް އަންގަވާފައިވާ ކަމަށެވެ.

"މިގޮތަށް ރައީސް ނިންމެވީ ދޭތެރެ ދޭތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ބަދަލު ގެނައުމުގެ ތެރެއިން،" މިއުވާން ވިދާޅުވިއެވެ.

އަމްރު މަގާމުން ވަކިކުރުމަށް ފަހު އެސްޓީއޯ ހިންގަން ހަވާލު ކުރި ބޭފުޅެއް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.

އަމްރު މަގާމުން ވަކިކޮށްފައިވާއިރު އޭނާ ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ޞާލިޙަށް ތާއީދުނުކުރައްވައި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން މަސައްކަތް ކުރައްވަން ނިންމަވައިފައެވެ. އަދި، ޖުމްހޫރީ ޕާޓީއާ ގުޅިގެން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނަޝީދު ކުރައްވައި ބައެއް މަޝްވަރާތަކުގައި ވެސް އަމްރު ވަނީ އެ މަނިކުފާނުގެ ފަރާތްޕުޅުން ބައިވެރިވެފައެވެ.

comment ކޮމެންޓް