އަމްރުގެ ޕްރޮގްރާމް ދައްކާނެ، ނުދައްކާކަށް ނާންގާ: ޕީއެސްއެމް

އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު މުހައްމަދު އިއްޔެ ރެކޯޑު ކުރި ޕްރޮގްރާމްގެ ފޮޓޯއެއް --

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދުގެ ޕްރޮގްރާމްތައް ނުދައްކަން ސަރުކާރުން ނާންގާ ކަމަށާއި އޭނާގެ ޕްރޮގްރާމް އެހެން ރެއަކުން ދައްކާނެ ކަމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން ބުނެފިއެވެ.

އެނގިފައިވާ ގޮތުގައި ރޭ ޕީއެސްއެމުން ގެނެސްދިން 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ދެއްކުމަށް އަމްރުގެ އިންޓަވިއުއެއް އިއްޔެ ހެނދުނު ވަނީ ރެކޯޑުކޮށްފައެވެ. ނަމަވެސް ފަހުން ވަނީ ރޭގެ ޕްރޮގްރާމް ކެންސަލްކޮށްފައެވެ.

އަމްރު ރޭ "ސަން"އަށް ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްގައި އޭނާ ދެއްކެވީ މި ރޯދަ މަހު ބާޒާރުގެ އަގުތަކާއި އެސްޓީއޯއިން ރައްޔިތުންނަށް އަގު ހެޔޮކޮށް މުދާ ފޯރުކޮށްދިނުމުގެ ވާހަކައެވެ.

އެ ޕްރޮގްރާމް ކެންސަލް ކޮށްފައިވަނީ ސަރުކާރުން އަންގައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަލީ އާޒިމް ވަނީ ތުހުމަތު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެ ޕްރޮގްރާމް ރޭ ނުދައްކާން ނިންމާފައިވަނީ ސަރުކާރުން އެންގުމުން ކަމަށެވެ.

އެކަމަކު، އެ ކަމާ ގުޅިގެން ޕީއެސްއެމްގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން ވިދާޅުވީ އެއްވެސް ޕްރޮގްރާމެއް ނުދައްކަން ސަރުކާރުން އަންގާފައި ނުވާ ކަމަށާއި ރެއަށް ތާވަލުކޮށްފައި އޮތް އަމްރުގެ ޕްރޮގްރާމް ކެންސަލް ކޮށްފައިވަނީ އެންމެ މުހިއްމު ކަންކަމަށް އިސްކަން ދިނުމަށް ޕީއެސްއެމުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

"ސަރުކާރުން އަންގައިގެނެއް ނޫން މިރޭގެ ޕްރޮގްރާމް ކެންސަލް ކޮށްފައިވަނީ، އެންމެ މުހިއްމު ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން، އެ ސްލޮޓް އެހެން ފަރާތަކަށް ދިނީ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަމްރުގެ ޕްރޮގްރާމްތައް ނުދައްކަން ނިންމާފައިނުވާ ކަމަށެވެ. އަދި، ރެއަށް ޝެޑިއުލް ކުރި ޕްރޮގްރާމް ވެސް އެހެން ދުވަހަކުން ދައްކާނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރުން އަންގައިގެން އަމްރުގެ ޕްރޮގްރާމްތައް ނުދައްކަން ނިންމީ ކަމަށް ކުރާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކުރައްވައިފައެވެ.

އަމްރުގެ ޕްރޮގްރާމެއް ޕީއެސްއެމުން ކެންސަލް ކޮށްފައިވާއިރު، އޭނާ ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދުނުކުރައްވައި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން މަސައްކަތް ކުރައްވަން ނިންމަވައިފައެވެ. އަދި، ޖޭޕީއާ ގުޅިގެން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނަޝީދު ކުރައްވައި ބައެއް މަޝްވަރާތަކުގައި ވެސް އަމްރު ވަނީ އެ މަނިކުފާނުގެ ފަރާތްޕުޅުން ބައިވެރިވެފައެވެ.

comment ކޮމެންޓް