ހާމަކުރަން ނިންމި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނުދޭން ސަރުކާރުން ހައިކޯޓަށް

ބަންޑާރަނައިބު އަހުމަދު އުޝާމް، ރައީސް މުއިއްޒާ އެކު: ދެއްވާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވި މައުލޫމާތެއް ހާމަނުކުރަން އަނެއްކާ ވެސް ވަނީ ހައިކޯޓަށް ހުށަހަޅާފައި -- ފޮޓޯ/ ސަރުކާރު

ޚަރަދު ކުޑަކުރަން ސަރުކާރުން ވަކިކުރި ކަމަށް ރައީސް އޮފީހުން އިއުލާނުކުރި 228 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ބަންޑާރަނައިބުގެ އޮފީހުން ކުރިން ނިންމި ނަމަވެސް، ހަމަ އެ މައުލޫމާތު ނުދޭން އަނެއްކާ ވެސް ދައުލަތުން ހައިކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދަން ފުރަތަމަ ހުށަހެޅީ އަފްރާހް އިސްމާއިލެވެ. އެކަމަކު، އެ މައުލޫމާތު ނުދޭން ހައިކޯޓަށް ހުށަހެޅުމުން ފާޑުކިޔުން އަމާޒުވުމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އެ މައުލޫމާތު ދޭނެ ކަމަށް ވިދާޅުވެ، އިސްތިއުނާފު އަނބުރާ ގެންގޮސްފައެވެ.

އެކަމަކު، އޭގެ ފަހުން މަހެއްވީއިރު އަދިވެސް އެ މައުލޫމާތު ހާމައެއް ނުކުރެއެވެ.

''ސަން" ގެ ނޫސްވެރިއަކު ވެސް ވަނީ އޭރު ސަރުކާރުން ވަކިކުރި މުވައްޒަފުންގެ ތަފުސީލުތައް ހޯދަން އެދި ހުށަހަޅާފައެވެ. އޭގެ ތެރެއިން އެޑްރެސްއަކީ ޒާތީ މައުލޫމާތެއް ކަމަށް ބަލާފައި، ވަކިކުރި މުވައްޒަފުންގެ ނަމާއި ވަކިކުރި ތާރީޚާއި ވަޒީފާ އަދާކުރަމުން އައި ވުޒާރާތަކުގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އަންގައިފައެވެ.

އެހެންވެ، އެ މައުލޫމާތު ފަސް ދުވަހުގެ ތެރޭގައި ހާމަކުރަން ޖެނުއަރީ 23 ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރު އެންގެވިއެވެ.

އެކަމަކު، އެ މައުލޫމާތު ހާމަނުކޮށް، ރައީސް އޮފީހުން ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ދައުލަތުން ވަނީ ވަކިކުރި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އިއުލާނުކުރެއްވި 228 ސިޔާސީ މުވައްޒަފުންގެ ނަމާއި، ވަކިކުރި ތާރީޚާއި އަދި ވަޒީފާ އަދާކުރަމުން އައި ވުޒާރާގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގެވި އެންގުން ބާތިލުކުރަން އެދި ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

https://sun.mv/202433

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން މި މައުލޫމާތު ހާމަކުރާނެކަމަށް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެކި ދުވަސްމަތިން ވަނީ މައުލޫމާތު ވީހާ ވެސް ފުޅާކޮށް ހާމަކުރުމަކީ އެ މަނިކުފާނުގެ ސިޔާސަތު ކަމަށާއި އެ މަނިކުފާނުގެ ވެރިކަމެއްގައި ސިއްރުކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު، އޭރު ވެސް ހާމަކުރާނެ ކަމަށް ވިދާޅުވެފައި ވަކިކުރި މުވައްޒަފުންގެ މައުލޫމާތު ހާމައެއް ނުކުރެއެވެ.

ޖުމުލަ 228 ސިޔާސީ މުވައްޒަފުން ވަކިކުރައްވާނެކަމަށް ރައީސް އިއުލާނުކުރެއްވިއެވެ. އެކަމަކު، އެއަށްވުރެ ވެސް އިތުރަށް 248 މުވައްޒަފުން ވަކިކުރި ކަމަށް ހީނާ އިއުލާނުކުރެއްވިއެވެ.

އެ މުވައްޒަފުން ވަކިކުރީ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ސަރުކާރުން އޭރު ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން ޖުމުލަ ސަރުކާރުގައި ތިއްބެވި ސިޔާސީ މުވައްޒަފުންގެ އަދަދެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރުނުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް