އެމްޑީޕީގެ މުޒާހަރާއިން ގައްބަރޭއާއި އިތުރު ދާއިރާއެއްގެ ރައީސަކު ހައްޔަރުކޮށްފި

އެމްޑީޕީން ބޭއްވި މުޒާހަރާއިން ގައްބަރޭ ހައްޔަރުކުރުން -- ފޮޓޯ/ އެމްޑީޕީ

އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާއިން ފުލުހުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެމްޑީޕީން އަންނަނީ ހުކުރު ދުވަހުގެ ރެއިން ފެށިގެން ސަރުކާރާ ދެކޮޅަށް މުޒާހަރާތަކެއް ކުރަމުންނެވެ. އެ މުޒާހަރާތަކުގައި ގޮވާލަމުންދަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން މުރާޖާކުރި ގޮތާ ގުޅޭ ގޮތުން ވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

އެމްޑީޕީން ބުނާ ގޮތުގައި ރޭގެ މުޒާހަރާއިން ހައްޔަރުކޮށްފައިވަނީ އެ ޕާޓީގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ރައީސް އިބްރާހީމް އަބްދުﷲ (ގައްބަރޭ) އާއި މައްޗަންގޮޅި މެދު ދާއިރާގެ ރައީސް އަހުމަދު ޝަޒީނެވެ.

އެމްޑީޕީން ބޭއްވި މުޒާހަރާއިން މައްޗަންގޮޅި މެދު ދާއިރާގެ ރައީސް އަހުމަދު ޝަޒީން ހައްޔަރުކުރުން -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީން އަންނަނީ އެ މީހުން ދޫކޮށްލުމަށް ސޯޝަލް މީޑިއާގައި ވެސް ގޮވާލަމުންނެވެ.

އެމްޑީޕީން ރޭގެ ޖަލްސާ ވެސް ހަރުގެ ސަރަހައްދުން ފެށިއިރު، ޗާންދަނީ މަގުގެ ވަކި ހިސާބަކުން ވަނީ ބެރިކޭޑު ޖަހައި، މުޒާހަރާގެ ބައިވެރިން ކުރިއަށް ދިޔުން ހުއްޓުވައިފައެވެ.

ބެރިކޭޑުތައް ކައިރީ ފުލުހުން މަޑުކޮށްގެން ތިބިއިރު، މުޒާހަރާގެ ބައިވެރިން ބެރިކޭޑަށް ވުރެ ކުރިއަށް ދިޔުމަށް މަސައްކަތް ކުރިއެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުން އެ މީހުން ކޮށްޕައި، ބިންމައްޗަށް ވައްޓާލި ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

ހޮނިިހިރު ދުވަހުގެ ރޭ އޮތް މުޒާހަރާގައި ފުލުހުން ޕެޕާ ސްޕްރޭ ޖަހައި، ހާލަތާ ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުންކުރި ކަމަށް އެމްޑީޕީން ބުނެ، އެކަން ކުށްވެރިކޮށްފައިވެއެވެ.

https://sun.mv/203453

މީގެ ކުރިން ވެސް އެކި މައްސަލަތަކުގެ ގައްބަރޭ ހައްޔަރުކޮށްފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ޓިކެޓުގައި ހުންނެވި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި އޭނާ ހައްޔަރުކޮށް، ފަހުން ދައުވާ ވެސް ކޮށްފައިވެއެވެ.

މި ސަރުކާރުގައި ކޮރަޕްޝަނުގެ މައްސަލަތައް ގިނަ ކަމަށް ބުނެ އެމްޑީޕީން އަންނަނީ މުޒާހަރާއަށް ނުކުތުމަށް ގޮވާލަމުންނެވެ.

މި ފަހުން އެ ޕާޓީން އެންމެ ބޮޑަށް ނުރުހުން ފާޅުކޮށްފައިވަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލަ ބެލުމަށް ސަރުކާރުން ހުރަސް އަޅާ ކަމަށް ބުނެއެވެ.

އެ މައްސަލަ ކޯޓުގެ ފުލް ބެންޗުން ބަލަމުން ދަނިކޮށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައެވެ. ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެމްޑީޕީންވަނީ އެ ކޮމިޝަންތައް ކޮންޓްރޯލް ކުރަނީ ސަރުކާރުން ކަމަށް ތުހުމަތުކޮށްފައެވެ.

https://sun.mv/203440

މީގެ އިތުރުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން ނެރުނުއިރު، ކުރީ ސަރުކާރުން ފުލެޓު ލިބޭ ކަމަށް ކަނޑައެޅި ގިނަ އަދަދެއްގެ މީހުންގެ ޝަރުތު ހަަމަނުވާ ކަމަށް އޮތުމުން އެމްޑީޕީން ދަނީ އެއީ ހައްގުތައް ނިގުޅައިގަތުމުގެ ގޮތުގައި ސިފަކުރަމުންނެވެ. އަދި އެ ލިސްޓުން ވެސް ސަރުކާރުން ބޭނުންވާ ބަޔަކަށް ފުލެޓު ދީފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ.

comment ކޮމެންޓް