ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ދޮރުމަތީގައި އެ ޕާޓީގެ ސަޕޯޓަރުން އިޙްތިޖާޖު ކުރަން ތިއްބައި، ރައީސް ޞާލިޙްގެ މޮޓޯކޭޑު އެ މަގުން ދަނިކޮށް އެ ސަރަހައްދުގައި އެއްވެ ތިބި މީހުން ވަނީ މޮޓޯކޭޑު ވަށާލައި، އެ މަނިކުފާނުގެ ކާރުކޮޅު ހުއްޓުވައިފައެވެ.
އެ މައްސަލައާ ގުޅިގެން ޖެހިގެން އައި ދުވަހު ހަތަރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރިއެވެ. އަދި އިއްޔެ ވަނީ އެ މައްސަލައާ ގުޅިގެން 54 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފައެވެ.
އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް އިތުރު ކޮށްދީފައިވާ ކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު އަނެއް ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
އިދިކޮޅު ސަޕޯޓަރުން ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅީ ބޮޑުތަކުރުފާނު މަގުގައި އެ ޕާޓީގެ އޮފީސް ހުންނަ ސަރަހައްދުންނެވެ. އެތަނުގައި ފުލުހުންނާއި އެމްއެންޑީއެފްއިން ހަރަކާތްތެރިވަމުން ދިޔައިރު، މޮޓޯކޭޑަށް އެތަނުން ދެވޭ ވަރުވީ 15 ވަރަކަށް މިނެޓު ފަހުންނެވެ.
މި މައްސަލައިގައި އެމްއެންޑީއެފްއިން ވަނީ ރައީސްގެ ސެކިއުރިޓީ ޔުނިޓުގެ ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހިމް ސަސްޕެންޑުކޮށްފައެވެ. އެ ޔުނިޓް ވަގުތީ ގޮތުން ހިންގުން ހަވާލުކޮށްފައި ވަނީ ޑެޕިއުޓީ ކޮމާންޑަރު މޭޖާ އަޙްމަދު ހަލީމާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމިޓީ)އިން ވެސް ދަނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ ސީރިއަސް ގޮތެއްގައި ބަލަމުންނެވެ. އެ ކޮމިޓީން ވަނީ އެ މައްސަލައިގައި ކަން ހިނގި ގޮތް އިތުރަށް ސާފު ކުރަން، މައްސަލަ ހިނގައި ދިޔަ ގޮތުގެ އިންސިޑެންޓް ރިޕޯޓެއް ހޯދަން ނިންމާފައެެވެ.