މާލޭގެ ނީލަން ފިހާރައިގައި ވަރަށް ބޮޑަށް ރޯވެ މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު ސްކޫލެއްގެ ކިޔެވުން މިއަދު ނުބާއްވަން ނިންމައިފިއެވެ.
ނީލަން ފިހާރައިގައި އަލިފާން ރޯވީ މިއަދު ހެނދުނު 06:00 ހާއިރުއެވެ. އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ މިއަދު ހެނދުނު 07:30 އިރުއެވެ.
ނީލަން ފިހާރައިގައި ރޯވި އަލިފާން ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ތިބޭ އެކަމޮޑޭޝަން ބްލޮކަކަށް ފެތުރި އެތަން ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
އެ ހާދިސާއާ ގުޅިގެން ކިޔެވުން މިއަދު ނުބާއްވަން ނިންމާފައި ވަނީ އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އިތުރުން ބިލަބޮން ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލްގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމީ އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ނުބާއްވާ ގޮތަށެވެ.
މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން މިއަދު "ސަން"އަށް ބުނީ، މިހާތަނަށް 250އަށްވުރެ ގިނަ މީހުންނަށް އިމާދުއްދީން ސްކޫލުގައި ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ.
އޭގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ ބިދޭސީ 166 މުވައްޒަފުން ހިމެނޭ ކަމަށް އެ ކައުންސިލުން ބުންޏެވެ.
މީގެ ކުރިން ވެސް އެކި ފަހަރުމަތިން ނީލަން ފިހާރައިގައި ވަނީ ރޯވެފައެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް ވަނީ އެތަނުގައި އަލިފާން ރޯވެފައެވެ. އެ ދެ ފަހަރު ވެސް އެތަނުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވުނެވެ.
އެތަނުގައި ވިޔަފާރިކުރުން މަނާކޮށް އެކަން ހުއްޓުވިފަހުން އަލުން އެތަނުގައި ވިޔަފާރިކުރަން ފެށީ ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.