ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް، މަގުމަތިން ދިން ހަމަލާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޝިމާޒްއަށް ހަމާލާ ދީފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.
އެކަމާ ގުޅުގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވާއިރު އެ އިދާރާއިން ދަނީ އެ މައްސަލަ ބަލަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިމާޒަށް ހަމާލާ ދިނުމުގެ ކުރިން އޭނާއަށް ބިރު ދައްކައި އޭނާގެ ސައިކަލަށް ވެސް ވަނީ ގެއްލުން ދީފައެވެ. ފުލުހުން ވަނީ އެ މައްސަލަ ބަލަން ވެސް ފަށައިފައެވެ.
ހަމަލާއާ ގުޅިގެން ޝިމާޒް ވިދާޅުވީ، އެކަން ކުރުމުގެ ކުރިން އެކި ގޮތްގޮތުން އެތައް އިންޒާރެއް ދީފައިވާއިރު، ފުލުހުން އެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައި އެކަން ކުރި ފަރާތްތަކާއި އަދި އެ ހަމަލާ ދިނުމުގެ އަޑީގަ ތިބި ފަރާތްތައް ވީހާ ވެސް އަވަހަކަށް ހޯދުމަށް އެދޭ ކަމަށެވެ. މަގުމަތިން ދިން ހަމަލާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ މިނިސްޓަރު ނަހުލާ އާ ގުޅުމެއް އޮތް ކަމަށް އަޑުފެތުރިފައިވާއިރު، ޖުމްހޫރީ ޕާޓީން ވަނީ އެކަން ދޮގުކޮށްފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އައިޝަތު ނަހުލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝިމާޒަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި، މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި އެކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް އެކަމަނާގެ އާއިލާއަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލުމުގެ ހުތުރު އަމަލުތަކެއް ކަމަށް ވިދާޅުވިއެވެ.
ޝިމާޒް ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބަކަށް އައްޔަނުކޮށްފައި ވަނީ އެމްއާރުއެމްގެ ސްލޮޓެއްގައެވެ.
އެ މިނިސްޓްރީ ތެރެއިން ގަވާއިދާ ޚިލާފަށް އުޅަނދުތަކެއް ރެޖިސްޓްރީ ކޮށްދިނުމާއި އެކަމުން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ އަތެއްވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ތުހުމަތު ކުރައްވާފައެވެ.
މި މައްސަލައިގައި ޝިމާޒް މަގާމުން ވަކިކޮށްދޭން އެދި ނަހުލާ ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދާދިފަހުން ސިޓީއެއް ފޮނުއްވާފައެވެ.
އެ ސިޓީގައި ނަހުލާ ވިދާޅުވެފައި ވަނީ ޝިމާޒާ ބެހޭގޮތުން ކޮރަޕްޝަންގެ ވަރަށް ސީރިއަސް މައްސަލަތަކެއް ތިލަވެފައިވާ ކަމަށާއި މިނިސްޓްރީގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅަނދުތަކެއް ރެޖިސްޓްރީ ކޮށްދިނުމާއި އެކަމުން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކޮށްދޭން ރައީސްގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.
ނަހުލާގެ ސިޓީއާ ގުޅިގެން ރައީސް އަދި ވަކި ގޮތެއް ނުނިންމަވައެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެފައިވަނީ އެކަންކަން ބެލުމަށްފަހު އަޅާންޖެހޭ ފިޔަވަޅެއް އޮތްނަމަ، އަޅާނެ ކަމަށެވެ.