ޝިމާޒަށް އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް އިންޒާރުދީ، އޭނާގެ ސައިކަލަށް ބަޔަކު ގެއްލުންދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ޝިމާޒަށް އިންޒާރުދީ ސައިކަލްގެ މަޑި ކަފާލި މައްސަލަ، އޭނާގެ ފަރާތުން ފުލުހުންނަށް އަދި ހުށަހަޅާފައެއް ނެތް ކަމަށެވެ. އެކަމަކު އެކަން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލަ އަދި މިހާތަނަށް ފުލުހުންނަށް ހުށަނޭޅި ނަމަވެސް ފުލުހަށް ޓެގްކޮށް ޝިމާޒް ވަނީ އޭނާއަށް އިންޒާރު ދީފައިވާ ވަޓްސްއެޕް މެސެޖަކާއި މަޑި ކަފާލާފައިވާ ފޮޓޯއެއް ޓްވީޓް ކޮށްފައެވެ.

ޝިމާޒަކީ އެމްއާރްއެމްގެ ސްލޮޓެއްގައި އެ މިނިސްޓްރީގެ ނައިބަކަށް އައްޔަނުކޮށްފައިވާ ފަރާތެކެވެ.

މިނިސްޓްރީ ތެރެއިން ގަވާއިދާ ޚިލާފަށް އުޅަނދުތަކެއް ރެޖިސްޓްރީ ކޮށްދިނުމާއި އެކަމުން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ އަތެއްވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ތުހުމަތު ކުރައްވައެވެ.

މި މައްސަލައިގައި ޝިމާޒް މަގާމުން ވަކިކޮށްދޭން އެދި ނަޙުލާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ދާދިފަހުން ސިޓީއެއް ފޮނުއްވާފައެވެ.

ޝިމާޒާ ބެހޭގޮތުން ކޮރަޕްޝަންގެ ވަރަށް ސީރިއަސް މައްސަލަތަކެއް ތިލަވެފައިވާކަން ފާހަގަ ކުރައްވާ ނަހުލާ ފޮނުވި ސިޓީގައި ވަނީ މިނިސްޓްރީގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅަނދުތަކެއް ރެޖިސްޓްރީ ކޮށްދިނުމާއި އެކަމުން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކޮށްދޭން ރައީސްގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.

ނަހުލާގެ ސިޓީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ވަކި ގޮތެއް ނުނިންމަވައެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެފައިވަނީ އެކަންކަން ބެލުމަށްފަހު އަޅާންޖެހޭ ފިޔަވަޅެއް އޮތްނަމަ، އަޅާނެ ކަމަށެވެ.

comment ކޮމެންޓް