ޝިމާޒް މަގާމުން ވަކިކޮށްދޭން މިނިސްޓަރު ނަހުލާގެ ސިޓީއެއް ރައީސް އޮފީހަށް

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ

ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ މަގާމުން ވަކިކޮށްދޭން މިނިސްޓަރު އައިޝަތު ނަހުލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ކިބައިން އެދިވަޑައިގެންފިއެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ޝިމާޒް އެ މަގާމުން ވަކި ކޮށްދިނުމަށް އެދި މިނިސްޓަރު ނަހުލާ ވަނީ ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައެވެ.

ޝިމާޒް އެ މާގަމަށް އައްޔަން ކުރެއްވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ މިހާތަނަށް ޝިމާޒް މަގާމުން ވަކިކޮށްފައި ނުވާ ކަމަށެވެ. އެ ސިޓީ ރައީސް އޮފީހަށް ފޮނުވާފައިވާކަން ނުވަތަ ނޫންކަން އޭނާ ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ސިޓީ މިނިސްޓަރު ނަހުލާ ފޮނުއްވިކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.

ޝިމާޒް ހިމެނޭހެން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނޭ މެމްބަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރާއްޖޭގައި ދުއްވާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރުމަށް ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައެއް ވެސް ދާދި ފަހުން ވަނީ ބަލާފައެވެ.

އެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެންބަރުން ކަމުގައިވާ ޝިމާޒުގެ އިތުރުން ފަސް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ. ނަމަވެސް ހެކި ނެތުމާއެކު އެ މައްސަލައިގައި ހިމެނޭ މެމްބަރުންނަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ނިންމަވާފައެވެ.

އެ މައްސަލައަކީ، ރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުންކުރުމަށްޓަކައި، އެ ނަންބަރު ބޯޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާތިލްކުރުމަށްފަހު ވަކި ފަރާތަކަށް ބިޑު އެވޯޑްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ހުށަހެޅުމުން އޭސީސީން ތަހުގީގުކުރި މައްސަލައެކެވެ.

އެ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅީ ތިން ކުންފުންޏަކުން ކަން އޭސީސީން ފާހަގަކުރެއެވެ. އޭގެ ތެރެއިން ބިޑު އެވޯޑު ކުރަން ޓްރާންސްޕޯޓު މިނިސްޓްރީގެ ބިޑު ކޮމިޓީން ނިންމީ އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީން ބުނީ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ބިޑު އެވޯޑު ކުރުމަށް ބިޑު ކޮމިޓީން ނިންމާފައިވަނީ، އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް، އެ ކުންފުނިން އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެކުންފުނީގެ ބިޑު ބާތިލުކުރުމަށްފަހުގައި ކަމަށެވެ.

އޭގެ އިތުރުން، ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ބިޑާއެކު ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކަށްވުރެ އަނެއް ދެ ކުންފުނިން ހުށަހަޅާފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށާއި، މައުލޫމާތު ކަރުދާހުގެ އެނެކްސް އެކެއްގައި ބަޔާންކުރާ، ސާމްޕަލް ނަންބަރު ބޯޑުތަކުގައި ހުންނަންޖެހޭ ޝަރުތުތަކާ އެއްގޮތަށް ސާމްޕަލް ނަންބަރު ބޯޑު ހުށަހެޅީ ހަމައެކަނި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ކަމަށްވާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ކަމަށް އޭސީސީން ފާހަގަކުރިއެވެ.

އެ މިނިސްޓްރީން އެހެން ބުނި ނަމަވެސް އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންޖެހޭ ކަމަށާއި، ބިޑާއެކު ހުށަހަޅަންޖެހޭ ސާމްޕަލް ނަންބަރު ބޯޑުތަކުގެ ވަރުގަދަ މިނާއި ކޮލިޓީއަށް ބެލޭނެކަމަކަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.

ހަމައެހެންމެ ތަހުގީގުން ބެލިބެލުމުން، ބިޑު ހުށަހެޅި ތިން ކުންފުނިން ވެސް ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކުގައި މައުލޫމާތު ކަރުދާހުގެ އެނެކްސް އެކެއްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ކަމަށް އޭސީސީން ބުންޏެވެ.

ހަމައެހެންމެ، އިއުލާނާ ގުޅޭ އެންމެހާ ލިޔުންތައް ބިޑުތަކާއެކު ބިޑު ކޮމިޓީއަށް ހުށަހެޅިފައިވާކަމާއި، ބިޑު އެވޯޑު ކުރުމުގައި، އެ ލިޔުންތަކާއި މައުލޫމާތު ކަރުދާހަށް ބިޑު ކޮމިޓީން ބަލާފައި ނުވާކަން ތަހްގީގުން އެނގެން އޮންނަ ކަމަށް އޭސީސީން ބުންޏެވެ.

އެހެންކަމުން އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގްސަދުގައިކަން ތަހްގީގަށް ސާބިތުވާ ކަމަށް އޭސީސީން ބުންޏެވެ.

މީގެ އިތުރުން އޭސީސީން ބުނި ގޮތުގައި ފިނޭންސް މިނިސްޓްރީން ވަނީ އެ މައްސަލަ ބަލައި، އެ ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނޭޝަނަލް ޓެންޑާ ބޯޑުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައެވެ. އަދި މިދިޔަ އޭޕްރިލް މަހުގެ 15ގައި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑާއެކު ގާއިމްކޮށްފައިވާ އެއްބަސްވުން ބާތިލްކޮށްފައި ކަމަށް ވެސް އޭސީސީން ބުންޏެވެ.

ޝިމާޒް އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި އެ މަގާމަށް އައްޔަނު ކުރައްވާފައިވާ ބޭފުޅެކެވެ. އެ މައްސަލައިގައި ޝިމާޒްގެ ބަހެއް ހޯދުމަށް 'ސަން' އިން މަސައްކަތް ކުރިނަމަވެސް އޭނާގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

comment ކޮމެންޓް