ޓްރާންސްޕޯޓް މިނިސްޓްރީގެ ޝިމާޒަށް ހަމަލާދީފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ--- ފޮޓޯ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ޢަލީއަށް މިރޭ ބަޔަކު ހަމަލާ ދީފިއެވެ.

ޝިމާޒް ނިސްބަތްވާ އެމްއާރްއެމް އިން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، މިރޭ މަގުމަތިން ބަޔަކު އޭނާއަށް ހަމަލާ ދީފައިވާ ކަމަށެވެ.

އެ ހަމަލާ ދިން މީހުން ހޯދައި، ކަމާ ބެހޭ ފަރާތްތަކުން މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އެމްއާރްއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވީ އެ އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެފަދަ ހަމަލާތައް ދެވިގެން ނުވާނެ ކަމަށާއި ކަމާ ގުޅޭ އިދާރާތަކުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިމާޒަށް އިންޒާރުދީ، އޭނާގެ ސައިކަލަށް ބަޔަކު ގެއްލުންދިން މައްސަލައެއް ދާދި ފަހުން ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފައެވެ. އެ މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ ކުރިން "ސަން"އަށް ވިދާޅުވީ ޝިމާޒަށް އިންޒާރުދީ ސައިކަލްގެ މަޑި ކަފާލި މައްސަލަ، ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ޝިމާޒަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބަކަށް އައްޔަނުކޮށްފައި ވަނީ އެމްއާރުއެމްގެ ސްލޮޓެއްގައެވެ.

އެ މިނިސްޓްރީ ތެރެއިން ގަވާއިދާ ޚިލާފަށް އުޅަނދުތަކެއް ރެޖިސްޓްރީ ކޮށްދިނުމާއި އެކަމުން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ އަތެއްވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ތުހުމަތު ކުރައްވާފައެވެ.

މި މައްސަލައިގައި ޝިމާޒް މަގާމުން ވަކިކޮށްދޭން އެދި ނަހުލާ ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދާދިފަހުން ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި ނަހުލާ ވިދާޅުވެފައި ވަނީ ޝިމާޒާ ބެހޭގޮތުން ކޮރަޕްޝަންގެ ވަރަށް ސީރިއަސް މައްސަލަތަކެއް ތިލަވެފައިވާ ކަމަށާއި މިނިސްޓްރީގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅަނދުތަކެއް ރެޖިސްޓްރީ ކޮށްދިނުމާއި އެކަމުން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކޮށްދޭން ރައީސްގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.

ނަހުލާގެ ސިޓީއާ ގުޅިގެން ރައީސް އަދި ވަކި ގޮތެއް ނުނިންމަވައެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވެފައިވަނީ އެކަންކަން ބެލުމަށްފަހު އަޅާންޖެހޭ ފިޔަވަޅެއް އޮތްނަމަ، އަޅާނެ ކަމަށެވެ.

comment ކޮމެންޓް