ޝަރުތުކުރުމަށްފަހު މެންބަރު ސައީދާއި ޣައްސާން ދޫކޮށްލައިފި

25 މާރޗް 2022: "ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން މާލޭގައި އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާގައި ޣައްސާނު ހައްޔަރު ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު, ޝަރުތުކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އިދިކޮޅު މުޒާހަރާގެ ތެރެއިން އިއްޔެ ހައްޔަރުކުރި އެ ދެ މެންބަރުން ގެންގޮސްފައިވަނީ ދޫނިދޫއަށެވެ.

ދޫނިދޫގައި ބައިތިއްބައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ކުރިއަށްގެންދިޔަ މުއްދަތު މަޖިލީހުގައި އެ ދެ މެންބަރުން ދޫކޮށްލާފައިވަނީ ޝަރުތު ކުރުމަށްފަހުގައެވެ.

ފުލުހުންނަށް ކިޔަމަންވުމުގެ އިތުރުން ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުން އެކަމަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައިވާ ކަމަށް ވަކީލް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު، ރައީސް ޔާމީން އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ތެރެއިން މާލޭގައި އިއްޔެ އެއްވުން ކުރިއަށް ގެންގޮސްފައިވަނީ އެކަން ނުކުރުމަށް ފުލުހުން އަންގާފައިވަނިކޮށެވެ.

އެއްވުން ފެށުމާއެކު، މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ވަނީ ހުރަސް އަޅައިފައެވެ. އަދި ބާރުގެ ބޭނުން ކޮށް، އެއްވުމުގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުޒާހަރާގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި މިހާތަނަށް 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި މެންބަރު މުޙައްމަދު ސައީދާއި މެންބަރު ޣައްސާން މައުމޫންގެ އިތުރުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލާއި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ހިމޭނެއިރު، ބައެއް ކައުންސިލަރުން ވެސް ހިމެނެއެވެ.

މުޒާހަރާއަށް ފުލުހުން ހުރަސް އަޅަން ފެށުމުން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ ގާނޫނާ އެއްގޮތަށް ސުލްޙަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާ ހަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށެވެ.

ހަމައެހެންމެ ސުލްހަވެރި އިހުތިޖާޖަށް ފުރުސަތު ދީ، އެއްވުމުގެ ތެރެއިން އާންމު މެންބަރުންނަށް އަނިޔާ ކުރުން ހުއްޓާލުމަށް ވެސް ގޮވައިލައިފައިވެއެވެ.

comment ކޮމެންޓް