ބޮޑު ސުވާލު: ރިޔާސީތަ؟ ނޫނީ ބަރުލަމާނީތަ؟

ފެބްރުއަރީ 21، 2020: އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން، "ރަށްވެހި ފަތިސް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގެ ސިޔާސީ މަޝްރަހަކީ ތަފާތު މަޝްރަހެކެވެ. އެކި މޫސުންތަކަށް ފަރިވާ މޫސުމީ މަޝްރަހެކެވެ. އިންތިހާބުގެ މޫސުމަށް އަންނައިރު ސީޔާސީ މާކެޓުގައި ސީޔާސީ ވެރިންގެ "ޓްރާންސްފާ" ކުރިއަށްދެއެވެ.

ހަމަ އެ ބީދައިން ކޯލިޝަން އެއްބަސްވުންތައް ހެދުން ވެސް ފޯރިއާއެކު ކުރިއަށްދާއިރު އެކި ނަންނަމުގައި އާ ޕާޓީތައް ވެސް އުފަންވެއެވެ. އިންތިހާބުގެ މޫސުން ނިމުމާއެކު އަލުން ޓްރާންސްފާ މާކެޓު ހުޅުވިގެން ދެއެވެ.

މި ހުރިހާ މޫސުމެއް ވެސް މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައިސް މި ނިމެނީއެވެ. ނަމަވެސް އެތައް އަހަރުތަކެއް އެކަމެއްގެ ވާހަކަ ނުދައްކާ ތިބެ މިފަހަރުގެ މޫސުމުގައި ލައްވާލައިފައި މިއޮތީ ނިޒާމު ފުރޮޅާލުމުގެ މަސައްކަތުގެ ވާހަކައެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެހެން ވެސް ބަދަލުކުރަން ޖެހޭކަމަށް ބުނެ ވާކާލާތުކުރާއިރު ބަރުލަމާނީ ނިޒާމަކުން ރާއްޖެއަށް ލިބޭނީ ހަމައެކަނި ގެއްލުންކަމަށް ވެސް ވަކާލާތު ކުރާ ސިޔާސީ ދޫތަކެއް އެބައުޅެއެވެ.

ނަމަވެސް މިއާ ހިލާފަށް މި ނިޒާމަކީ ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމުކަމަށް ވާކާލާތުކުރައްވަމުން މި ނިޒާމު ގެނައުމަށް އެންމެ އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލް ނިޝާން އިބްރާހީމް "ސަން"އަށް ވިދާޅުވީ، ރިޔާސީ ނިޒާމުގެ ތެރެއިން ވެރިކަން ހިންގާނަމަ ރާއްޖޭގައި ކޮންމެ ފަހަރެއްގައި ވެސް ރައްޔިތުންނަށް ލިބެނީ ބޮޑު ނިކަމެތިކަމެއްކަމަށެވެ.

"އަޅުގަނޑުމެންނަށް ފެހި ގާނޫނު އަސާސީގެ ދަށުން ތިން ރިޔާސީ އިންތިހާބެއް ފެނިއްޖެ. އެއިން ކޮންމެ އިންތިހާބެއްގައި ވެސް ވެރިކަމަށް އައި ސަރުކާރެއް އައީ ކޯލިޝަން ހަދައިގެން. ނަމަވެސް ކޯލިޝަނަކީ ރިޔާސީ ނިޒާމެއްގައި ގާނޫނީ ގޮތުން އެއްވެސް ރަސްމީ ހައިސިއްޔަތެއް އޮންނަ އެއްޗެއްނޫން. ގާނޫނީ ބުރަދަނެއް ކޯލިޝަނަށް ދޭން، ގާނޫނު އަސާސީ ހުއްދައެއް ނުކުރެ،" އޭނާ ވިދާޅުވިއެވެ.

ނިޝާން ވިދާޅުވި ގޮތުގައި މިއީ ކޯލިޝަން ފަސޭހައިން ރޫޅާލުމަށް މަގުފަހިވެގެންދާނެކަމެކެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނާއި ސަރުކާރަށް އޭގެ ގޮންޖެހުންތައް ކުރިމަތިވެގެންދާނެކަމެކެވެ.

"ކޮންމެ ހާލަތެއްގައި ވެސް އޭތި ރޫޅާލެވޭނެ. އެ ރޫޅާލީމާ ނަތީޖާއަަކަށް ވަނީ ރައްޔިތުންނަށް ނިކަމެތިކަން ލިބެނީ. ސަރުކާރު ވީކްވަނީ. އަނެއްކާ ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ތިބި ފަރާތްތައް ސަރުކާރާ ދެކޮޅަށް ނިކުންނަނީ. އެހެންވީމާ އެބަޖެހޭ ކޯލިޝަން ޕާޓްނަރުންނާ ހަނގުރާމަ ކުރަން، އަދި ރައްޔިތުންނަށް ހިދުމަތްކުރަން ވެސް،" ނިޝާން ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ވެރިކަމެއް އައުމަށްފަހު ވެސް ރައްޔިތުންނަށް ވިސްނައިދޭ އަނެއް ވާހަކައަކީ ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާނެ ވާހަކައެވެ. ނަމަވެސް އެއާއެކު ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރާ ބާރާއި، ރައްޔިތުންގެ މަޖިލީހާ ދެމެދު އޮންނަ މިނިވަންކަން ގެއްލިގެންދާކަމަށް ނިޝާން ވިދާޅުވިއެވެ.

"މިއީ ވެސް ގާނޫނު އަސާސީން އަސްލު ހަގީގަތުގައި ހުއްދަކުރާނެ ކަމެއް ނޫން. އެހެންވީމާ އެކަމަށް ފޯމިއުލާއެއް ހޯދާއިރު އެ ފޯމިއުލާ ވެސް ފެންނަން މިއޮތީ ބަރުލަމާނީ ނިޒާމުން، ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވާއިރުގައި ވެސް އެ މެމްބަރުން ވައުދުވަނީ ބަނދަރު ހަދައިދިނުމަށާއި މަގު ހަދައިދިނުމާ މިފަދަ ކަންކަަމަށް،"

"އެހެންނަމަވެސް މިއީ ރިޔާސީ ނިޒާމެއްގައި ގާނޫނުން މަނާކުރާ ކަންކަން. ސަބަބަކީ މަޖިލިސް މެމްބަރަށް އެފަދަ ކަމެއް ކުރުމުގެ ގާނޫނީ ބާރުވެރިކަން ނެތީމަ. މެމްބަރަށް ވިސްނެނީ މިފަދަ ވައުދުތަކެއްގެ ތެރެއިންނޭ މަގާމަށް ހޮވޭނީ، އެހެންވީމާ މިސްކިތު ކާޕެޓު ބާވެގެން ބަދަލުކުރަންވިޔަސް މެމްބަރަށް ގުޅަނީ،" އޭނާ ވިދާޅުވިއެވެ.

މި ވާހަކަތަކުން ދޭހަވާ ގޮތުގައި މިއަދު ރައްޔިތުންނަށް ނޭނގި ނަމަވެސް އަމަލުކުރެވެމުން އަންނަނީ ބަރުލަމާނީ ނިޒާމަށެވެ. އަދި ރައްޔިތުންގެ ވިސްނުން ވެސް ހުރީ މި ނިޒާމުގައި ކަން ހިނގާގޮތަށް ހޭނި ނިމިފައެވެ.

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި ވެސް މި ބަހުސް ފާޅުކަން ބޮޑު ގޮތެއްގައި އަންނަނީ ކުރެވެމުންނެވެ. ނަމަވެސް އެޕާޓީގެ ތެރޭގައި މި ބަހުސްގައި ޕާޓީގެ އިސް މެމްބަރުންގެ ހިޔާލު ދެކަފިވެފައިވާކަމީ ފެންނަން އޮތް ހަގީގަތެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާއިރު އެމަނިކުފާނަށް ތާއިދުކުރައްވާ އެ ޕާޓީގެ މެމްބަރުން ވެސް ހުންނެވީ ރައީސް ނަޝީދުގެ ނިންމެވުމާ އެއްކޮޅަށެވެ.

މާޗު 1، 2019: ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"ބަރުލަމާނީ ނިޒާމަށް އަޅުގަނޑު ދެކޭ ގޮތުގައި، އެމްޑީޕީގެ ވަރަށް ގިނަ ބޭފުޅުން ތާއީދުކުރާނެ. މި ޕާޓީ އަބަދުވެސް ތާއިދުކުރަމުން އަންނަ ނިޒާމެއް. އަދި ވެރިކަން ހިންގުމަށް އަބަދުވެސް މި ޕާޓީގެ މެމްބަރުން އެދޭ ގޮތް،" މޭ ހައެއްގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު އެންމެ ފުރަތަމަ ބޭއްވެވި ނޫސްްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް މި ބަހުސްގައި އެ ޕާޓީގެ ތެރޭގައި ހިމޭނުން ތިއްބަވާ މެމްބަރުން ވެސް އެބަ ތިއްބެވިއެވެ. އޭގެތެރެއިން ބައެއް މެމްބަރުން ގަބޫލުކުރާ ގޮތުގައި ވަކި ނިޒާމެއް އޮތުމުގެ މާ ބޮޑު ބޭނުމެއް ނެތެވެ. އަދި ވަކި ނިޒާމަކަށް ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކޮށްގެން ކުރާނެ މާ ބޮޑެތި ފައިދާތަކެއް ވެސް ނެތެވެ.

މިއީ އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަސަން ޒަރީރުގެ ބަސް މަގުގެ ރާގު ވެސް ހުރި ގޮތެވެ.

މަތިވެރި ދާއިރާގެ މެމްބަރު ހުސައިން ޒަރީރު -- ފޮޓޯ/ މަޖިލިސް

އަޅުގަނޑު ގަބޫލެއްނުކުރަން ވަކި ނިޒާމެއް ސީދާ އޮވެގެން އެ ނިޒާމަކީ އޭ އެންމެ ރަނގަޅު ނިޒާމަކީ. - މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު -

"ބަރުލަމާނީ ނިޒާމުކަމަށް ވިޔަސް، ރިޔާސީ ނިޒާމެއްކަމަށް ވިޔަސް ނިޒާމުގައި ނެތް މައްސަލައެއް. ދުނިޔޭގެ ގައުމުތަކުގައި، ތަރައްގީވެފައި ހުރި ބޮޑެތި ގައުމުތަކުގައި ބަރުލަމާނީ ނިޒާމަށް ގައުމުގެ ވެރިކަން ހިންގަމުން އެބަދޭ. އެ ގައުމުތަކުގައި ވެރިކަން ހިންގަމުން އަންނަނީ ހަމަ ވަރަށް ރަނގަޅަށް. ރާއްޖެއަށް ވެސް މި ނިޒާމު ގެނެވިދާނެ. އެކަމު ނިޒާމު ގެނެސް ކަންކަން ކުރާ ގޮތަކުން ފައިދާ އެއް ފެންނާނީ،" ޒަރީރު "ސަން"އަށް ވިދާޅުވިއެވެ.

މިއީ ހަމައެކަނި އޭނާގެ ވާހަކައެއް ވެސް ނޫނެވެ. ހަމަ އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވެސް ވިދާޅުވާ ގޮތުގައި މައްސަލައަކީ ވެރިކަން ހިންގާ ނިޒާމަށް ކިޔާ ނަމެއް ނޫނެވެ. މައްސަލައަކަށް ވަނީ ކޮންމެ ނިޒާމެއް އޮތް ނަމަވެސް އެ ނިޒާމުގެ ތެރޭ ތަންފީޒުކުރަން މަސައްކަތްކުރާ އުސޫލުތަކެވެ.

https://sun.mv/155910

އެއާއެކު އިދިކޮޅުން ވެސް މި ބަހުސްގައި ވަނީ ބައިވެރިވެފައެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި މިއީ ވަކި ފައިދާތަކެއް ހޯދުމުގެ ގޮތުން ހިންގަން އުޅޭ ކަމެކެވެ. އަދި މިއީ ރައްޔިތުންނަށް އޭގެން ފައިދާއެއް ލިބޭނެ އެއްވެސް ކަމެއް ހާސިލްވާނެކަމެއް ނޫނެވެ.

މީގެ އިތުރުން މިއަދު ގައުމުގެ ހާލަތު އޮތް ގޮތުން މި ނިޒާމު މި ވަގުތު ގެނައުމަކީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ ވާހަކަތަކުން އެއީ އޭނާ ވެސް ދެކިވަޑައިގަންނަވާ ގޮތްކަން ހާމަވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް(މ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ބަރުލަމާނީ ގެނެސްފިނަމަ ރާއްޖެ ކަހަލަ ތަނެއްގައި ވާނެ ގޮތަކީ ހަމަ އާއިލާއެއްގެ ތެރޭ ވެރިކަން އޮންނާނީ. މަޖިލީހުގައި ވެސް އިންނާނީ މިނިސްޓަރު، މިނިސްޓްރީގައި ވެސް އޭނާ އުޅޭނީ. އެހެންވީމާ ކަމެއް ގޯސް ވިޔަސް ހަމަ އެއްވެސް ގޮތެއް ނޯންނާނެ ހެދޭކަށް. މިހާރު ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު މި ނިޒާމަކީ އެންމެ އެކަށީގެންވާ ނިޒާމެއް ނޫން،" އާދަމް ޝަރީފް "ސަން"އަށް ވިދާޅުވިއެވެ.

އެނާގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ބާރުތަކުގެ މިނިވަންކަން ގެއްްލިގެން ހިނގައިދާނެތީއެވެ.

މިހާރު ނަމަ ތިން ބާރު މިނިވަންކޮށް އޮތީ. މިހާރު މަޖިލީހަށް ތަންކޮޅެއް ގިނަ އެމްޑީޕީ މެމްބަރުން އިތުރުވީމާ ތަންކޮޅެއް އުނދަގޫވެގެން މިއުޅެނީ. އެހެންނޫންނަމަ ބެލެންސެއް އޮންނާނެ. -މަޑުއްވަރީ ދާއިރާގެ މެމްބަރު އާާދަމް ޝަރީފް-

ހުރިހާ ސިޔާސީ ފަރާތްތަކަކުން ވެސް އެއްްބަސްވާ ހަގީގަތަކީ ރާއްޖޭގައި މިއަދު ވެރިކަމުގެ ނިޒާމު ބިނާވެފައި އޮތީ ދެ ނިޒާމެއް މަސްހުނިވެގެންކަމަށެވެ.

އަދި ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ފެންނަ އެތައް ކަމެއް ރާއްޖޭގައި ވެރިކަމުގެ "ރިޔާސީ" ނިޒާމުން ވެސް ފެންނަކަމަށެވެ. ނަމަވެސް ބަހުސް ފެށިގެން އަންނަނީ ބަރުލަމާނީ ނިޒާމެއްގެ ސިފަތައް އަށަގެންފައި ހުރިއިރު ވެސް ރިޔާސީ ނިޒާމު ދޫކޮށް ބަރުލަމާނީ ގެންނަންޖެހޭކަމަށް ވަކާލާތުކުރާ ހިސާބުންނެވެ.

ކޮންމެއަކަސް މި ހުރިހާ ވާހަކަތަކަކާއެކު ވެސް ގައުމުގެ ވެރިކަމުގެ ނިޒާމު ފުރޮޅާލުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ.

މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ ބަރުލަމާނީ ނިޒާމަކަށް ދާނީތޯ ނުވަތަ މިހާރު މި އޮތް ރިޔާސީ ނިޒާމުގެ މަތީ ދެމި ތިބޭނީތޯ އުފެދޭ ސުވާލެވެ.

ރައްޔިތުން މި ދެ ނިޒާމާ ދޭތެރޭ ވިސްނާ ގޮތަކީ ކޮބައިތޯއެވެ. އަދި މި ކަމުގައި ރައްޔިތުންގެ ނިންމުމަކީ ކޮބައިތޯއެވެ.

comment ކޮމެންޓް