މައްސަލައަކީ ނިޒާމަށް ކިޔާނަމެއް ނޫން، ތަންފީޒުކުރާ އުސޫލުތައް: ޝިފާއު

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު -- ފޮޓޯ/ މަޖިލިސް

މައްސަލައަކީ ވެރިކަން ހިންގާ ނިޒާމަށް ކިޔާ ނަން ނޫންކަމަށާއި އެ ނިޒާމުގެ ތެރޭ ތަންފީޒުކުރާ އުސޫލުތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގައި ވާހަކަދައްކަވަމުން ޝިފާއު ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ބަރުލަމާނީ އަދި ރިޔާސީ ނިޒާމުގައިވެސް ރަނގަޅު ސިފަތަކެއް އެބަހުރިކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ސީދާ ނިޒާމަށް ކިޔާ ނަމުގެ މައްސަލައެއްކަމަކަށް. އަޅުގަނޑުމެން ޕްރެކްޓިސްކުރާ އުސޫލުތަކެއްގެ މައްސަލައެއް އެބައުޅޭ. އެ އުސޫލުތައް ބަދަލުކުރެވޭނީ ނިޒާމުގެ ނަން ބަދަލުކޮށްގެންތޯ ނޫނީ މިހާރު އޮތް ނިޒާމުގެ ތެރެއިންވެސް އެ އުސޫލުތައް ބަދަލުކުރެވިގެންތޯ. މި ދެ ގޮތް ވެސް އެބައޮތް،" ޝިފާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާއު ވިދާޅުވީ ރިޔާސީ ނިޒާމެއްގެ ގޮތުގައި ބާއްވައިގެންވެސް ދައުލަތުގެ ކަންކަން ހައްލުކުރެވިދާނެކަމަށެވެ.

ނަމަވެސް ބަރުލަމާނީ ނިޒާމު އައި ނަމަވެސް ރިޔާސީ ނިޒާމުގައި ތަންފިޒުކުރާ އުސޫލުތަކަށް އަމަލުކުރެވޭނަމަ މާ ބޮޑު ތަފާތެއް ނުފެންނާނެކަމަށް ޝިފާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގެ މިހާރު މި އޮތް ރިޔާސީ ނިޒާމުގައިވެސް، ވެރިކަން ހިންގުމުގައި މިހާރު ކުރިޔަށް މިދާ ކަންކަމުގައިވެސް ގޯސްކަންކަން ހުރި ނަމަ ނިޒާމު ބަދަލުނުކޮށް ކަންކަން އިސްލާހު ކުރެވިދާނެ،" ޝިފާއު ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރިޔަސް، މިހާރު މިހުރި ގިނަ ކަންތައްތަކެއް ހަމަ އޭގެ ދަށުން ތަރުތީބުވެގެން އަންނަ އިރުގައި ލިޔެފައި ހުރިއްުޔާ ހަމަ އެ ކަންކަން ހިނގަމުންދާނީ."

އޭނާ އިތުރަށް ވިދާޅުވީ މިއަދު ސަރުކާރު ހިންގުމުގައި މައްސަލަތަކެއް ހުރިކަމަށް އޭނާވެސް ގަބޫލުކުރައްވާކަމަށެވެ. އަދި އެތައް ބައިވަރު ފުށުއެރުންތަކެއްވެސް އެބަހުރިކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީގެ މެމްބަރުން އަންނަނީ އަބަދުވެސް ބަރުލަމާނީ ނިޒާމާ އެއްކޮޅަށް ވަކާލާތުކޮށް ވާހަކަދައްކަވަމުންނެވެ.

އެއާއެކު ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމް ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލާ ޕެޓިޝަނަކަށް ސޮއި ހޯދުމުގެ މަސައްކަތް އާދިއްތަ ދުވަހު ފަށާފައެވެ.

comment ކޮމެންޓް