ހއ. ދައްޕަރު ބޭރުގެ ފަރާތްތަކަށް ވިއްކާލައިގެން ސަރުކާރުން ނާޖާއިޒު ގޮތުގައި މަންފާ ހޯދަން މަސައްކަތްކުރާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ހއ. ދައްޕަރަކީ އެ އަތޮޅު ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި އޮތް ފަޅުރަށެކެވެ. އެހެންނަމަވެސް ކައުންސިލަށް އެންގުމަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ދައްޕަރު މިހާރު ވަނީ ފިއްލަދޫގެ އިހްތިސާސްގެ ތެރެއިން ވަކިކޮށްފައެވެ.
މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުން ނިންމި ނިންމުމަކީ ވަރަށް ޚުދުމުހުތާރު އަދި ލާމަރުކަޒީ ގާނޫނާއި ލާމަރުކަޒު ކުރުމުގެ މަހްފޫމާ މުޅިން ތައާރަޒުވާ ކަމެއް ކަމުގައި އެ ކޯލިޝަނުން ދެކޭ ކަމަށެވެ.
އަދި ދައްޕަރަކީ ޒަމާނުއްސުރެއް ފިއްލަދޫ ރައްޔިތުންނަށް މަންފާ ލިބޭ ރަށެއް ކަމަށާއި، އެއީ ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައްޔިތުން ބަލަމުންދާ ރަށެއް ކަން އިދިކޮޅުން ފާހަގަކުރިއެވެ.
އެހެންކަމުން ލާމަރުކަޒީ ގަނޫނަށް ގެނެވުނު އިސްލާހާއެކު ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނި، ރަށުގެ ތަރައްގީގެ ޕްލޭން ތައްޔާރުކޮށް ކައުންސިލަށް އާމްދަނީ ލިބޭނެ މުހިއްމު ވަސީލަތެއްގެ ގޮތުގައި ދައްޕަރު ވެފައިވަނިކޮށް، ކައުންސިލާއި ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި، ގަރާރަކުން ދައްޕަރު ފިއްލަދޫއާ ވަކިކޮށްލުމަކީ އެރަށުގެ ރައްޔިތުންނަށް ދެވޭ ވަރަށްބޮޑު އަނިޔާއެއް ކަމަށް އިދިކޮޅުން ބުނެއެވެ.
އަދި އެކަމަކީ ފިއްލަދޫގެ ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
"ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ދަށުން ކަމަށްބުނެ ރާއްޖެއިން ބޭރުން އަންނަ ބަޔަކު ދިރިއުޅުމަށް ދައްޕަރު ވިއްކާލުމަކީ ރައްޔިތުން އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ. އެހެންކަމުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށާއި ރައްޔިތުންނަށް އެންމެ ފައިދާއާއި މަންފާ ލިބޭނެ އަދި ރައްޔިތުން ބޭނުންވާ ގޮތަށް މިފަދަ ކަންކަން ނިންމުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، ލާމަރުކަޒު ކުރުމުގެ ނަމުގައި އެފަދަ ޚުދުމުހުތާރު އަމަލުތައް ހިންގުން ހުއްޓާލުމަށާއި ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ތެރެއިން ވަކިކުރުމަށް ނިންމެވި ގަރާރު އަނބުރާ ގެންދަވާ، ސެކަންޑް ހޯމް ޕްރޮޖެކްޓްގެ ނަމުގައި ދައްޕަރު ބޭރުގެ ބަޔަކަށް ވިއްކާލައިގެން ނާޖާއިޒު ގޮތުގައި މަންފާ ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.