ރާއްޖޭގެ ވައިގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރަމަށް، އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަކީ އެ ގައުމުން ރާއްޖެއަށް ދީފައިވާ ހަދިޔާއެއް ނަމަ ހެލިކަޕްޓަރުތައް ދުއްވަން ޖެހޭނީ ދިވެހިން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، އިންޑިއާ އިން ރާއްޖެ އަށް ހާދިޔާ ކުރި ދެ ހެލިކޮޕްޓަރު ބޭނުން ކުރެވެމުން އަންނަނީ ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލެންސެއްގެ ގޮތުގައި އާއި ކަނޑުމަތީގެ އެހެނިހެން ވެސް ހިތާމަވެރި ހާދިސާ ތަކުގައި އެވެ. އެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖޭގައި އިންޑިއާ ސިފައިން ވެސް ތިބެ އެވެ.
ރޭ ވީޓީވީ އިން ގެނެސްދިން "ފަސްމަންޒަރު" ޕްރޮގްރާމްގައި، އުމަރު ނަސީރު ވަނީ ދެ ހެލިކަޕްޓަރު އޮޕަރޭޓްކުރުމުގެ ނަމުގައި އިންޑިއާ އިން ރާއްޖޭގައި ތިބޭތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެ ވާހަކަ ދައްކަވައިފަ އެވެ.
އުމަރު ވިދާޅުވީ، އިންޑިއާ އިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރަކީ އެ ގައުމުން ރާއްޖެއަށް ދީފައިވާ ހަދިޔާއެއް ނަމަ ހެލިކަޕްޓަރުތައް ދުއްވާ މެއިންޓެއިނެސް ވެސް ބަލަހައްޓަން ޖެހޭނީ ދިވެހިން ކަމަށެވެ.
"އަޅުގަނޑުމެން އަތަށް ދޭންވީ ނޫންތޯ ހަދިޔާ. ކީއްވެތޯ އަޅުގަނޑުމެން އަތަށް ދޭން ނުކެރެިގެން އުޅުއްވަނީ. އަޅުގަނޑުމެންގެ މީހުން އެއެއްޗިސް[ހެލިކަޕްޓަރުތައް] ދުއްވާނެ. އަޅުގަނޑުމެންގެ މީހުންނަކީ ބޮޑެތި އޭ350ގެ މަތިންދާ ބޯޓުތައް ދުއްވާ މީހުން. ދިވެހިންނަކީ ދުނިޔޭގެ ލެއްވި ހުރިހާ ވައްތަރެއްގެ އެއާކްރާފްތައް ދުއްވާ ބައެއް. ދިވެހިން ކަނޑު އަޑީގައި ސަބްމެރިން ވެސް ދުއްވާ. ކީއްވެގެންތޯ ހެލިކަޕްޓަރެއް ދިވެހިންނަށް ނުދުއްވެންވީ،" އުމަރު ސުވާލު ކުރެއްވި އެވެ.
އުމަރު ވިދާޅުވީ، ދިވެހިންނަށް ދިން ހަދިތާއެއްގެ ނަމުގައި ހެލިކްޕަޓަރު ދުއްވުމާއި މެއިންޓެއިންސް ކުރުމަށް 40 އަށް ވުރެ ގިނަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތާ މިހާރު އަށް އަހަރު ވެއްޖެ ކަމަށެވެ.
އުމަރު އެހެން ވިދާޅުވި އިރު، ހެލިކޮޕްޓަރު ގެނައި އިރު، އޭރު ސަރުކާރުން ބުނީ އިންޑިއާ ސިފައިން ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނީ ދިވެހި ޕައިލެޓުން އެކަމަށް ތަަމްރީނުވަންދެން ކަމަށެވެ.
"އިންޑިއާގެ ބޭނުމަކީ ރާއްޖޭގައި މިލިޓަރީ ބޭސް އެއް ގާއިމް ކުރުން"
އުމަރު ވިދާޅުވީ، ނިމި ދިޔަ ރައީސް ޔާމިންގެ ސަރުކާރުން އެ ދެ ހެލިކަޕްޓަރު އިންޑިއާ އަށް ފޮނުވާލުމަށް ނިންމި ކަމަށާއި ނަމަވެސް އިންޑިއާ ސިފައިން ރާއްޖެ އިން "ނުފޭބުމުން" އެ ގައުމުގެ ބޭނުމަކީ ކޮބާކަން ސާފު ވެއްޖެ ކަމަށެވެ.
"ރާއްޖޭގެ ގާނޫނީ ސަރުކާރަކުން [ރާއްޖެއިން] ފައިބަން އެންގީމާ، ނުފޭބި. ނުފޭބުމުން މިހާރު ވަރަށް ސާފު ވެއްޖެ މިމީހުން [އިންޑިއާ] ކީއްކުރަން ގެނައި ހެލިކަޕްޓަރެއް ކަން. ކޮން ބޭނުމެއްގައި ކަން މިއައީ. މިބޭނުމަކީ ރާއްޖޭގައި މިލިޓަރީ ބޭސް އެއް އެޅުމަށް،" އުމަރު ތުހުމަތު ކުރެއްވި އެވެ.
ރާއްޖެ އާއި އިންޑިއާ އަކީ އުހުއްވަތްރި އެކުވެރި ގައުމެއްކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ، ރާއްޖެއަކީ އިންޑިއާއާ ނުލާ ނޫޅެވޭ ވަރުގެ ގާތް ގައުމެއް އޮތް ގައުމެއް ކަމަށާއި ނަމަވެސް އިންޑިއާ ސިފައިން އެނބުރު އެމީހުންގެ ގައުމަށް ދާން ޖެހޭނެ ކަމަށެވެ. އަދި ރާއިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުން މިކަމަށް ހައްލެއް ގެންނަވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހި ފަސްގަނޑުގައި ބިދޭސީ ސިފައިންނަށް ނުތިބެވޭނެ. އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުގައި ތިބޭ ނަމަ، އެކަމާ ދެކޮޅަށް ދިވެހިން ތެދުވާނެ. އެއީ ޔަގީން ކަމެއް. މިކަމަށް ޑިޕްލޮމެޓިކް ހައްލެއް ސަރުކާރުން ގެންނަޖެހޭ،" އުމަރު ވިދާޅުވި އެވެ.
އުމަރު އެފަދަ ތުހުމަތުތަކެއް ކުރެއްވި ނަމަވެސް، މިދިޔަ ހަފްތާގައި ސަރުކާރުން ވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަށް، ދިވެހި ސަރުކާރުން ހުއްދަ ދިނުމަށް ރާވަމުންދާ ކަމަށް މީޑިއާގައި ދެކެވެމުން ދިޔަ ވާހަކަތަކަކީ ހަޤީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މި ސަރަހައްދުގެ ސުޕާ ޕަވާ، އިންޑިއާ އިން އަބަދު ވެސް އެމީހުންގެ ދެކުނު ފަރާތުގެ ބިތް އެމީހުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ގައުމުން ބޭނުން ވާނެ ކަމަށާއި އަދި ރާއްޖެ އިން އެކަމަށް އިހުތިރާމް ވެސް ކުރައްވަން ޖެހޭނެ ކަމަށެވެ.
ނަމަވެސް އެމީހުންގެ ސިފައިން ރާއްޖޭގައި ތިބިމުގެ ހުއްދަ ދީގެން ނުވާނެ ކަމާށާއި ސިފައިން ނުބައިތިއްބާ ދިވެހި ސަރުކާރުން ދެވެން އޮތް ހުރިހާ އެހީތެރިކަމާއި އެއްބާރުލުމެއް ދޭން ވާނެ ކަމަށެވެ.
"އިންޑިއާ އަކީ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމާ ލާމެހި ގުޅިފައިވާ ބައެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭނެ. އެ ގަބޫލު ކުރުން ގަބޫލު ކުރާއިރު ވެސް ރަތް ރޮގެއް އޮންނަން ވާނެ. އެ ރަތް ރޮގަކީ، އިންޑިއާ ސިފައިންނަށް ރާއްޖޭގެ ފަސްގަނޑުގައި ނުތިބެވޭނެ. މި ރަތް ރޮގު ހުރަސް ކޮށްގެން ނުވާނެ،" އަމަރު ވިދާޅުވި އެވެ.
ރައިސް ޔާމިންގެ ސަރުކާރުން އިންޑިއާ އިން ދިން ދެ ހެލިކޮޕްޓަރު ފޮނުވާލަން ނިންމި އިރު ވެރިކަމާ ހަވާލުވެވަޑައިގެން އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވަނީ އެ ނިންމުން އަނބުރާ ގެންގޮސް ހެލިކޮޓަރު އަނބުރާ ނުފޮނުވުމަށް ނިންމައިފަ އެވެ.
މިދިޔަ މަހު 19 ވަނަ ދުވަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، އިންޑިއާގެ ނޫހެއް ކަމަށްވާ ވިއޯން ނިއުސަށް މައުލޫމާތު ދެއްވަމުން، ވިދާޅުވީ ދެ ހެލިކޮޕްޓަރަކީ އިންޑިއާ އިން ރާއްޖެއަށް ދިން ހަދިޔާއެއް ކަމަށާއި އަދި އަނބުރާ އެ ހަދިޔާ ރައްދުކުރުމަކީ ރާއްޖޭގެ ސަގާފަތެއް ނޫން ކަމަށެވެ.