އިންޑިއާ ސަރުކާރުން ރާއްޖެ ދީފައިވާ ދެ ހެލިކޮޕްޓަރާ ބެހޭ ގޮތުން ދައްކަނީ ސިޔާސީ ބޭކާރު ވާހަކަތަކެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔަ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ހާދިޔާ ކުރި ހެލިކޮޕްޓަރު ބޭނުން ކުރެވެމުން އަންނަނީ ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލެންސެއްގެ ގޮތުގަ އެވެ. އެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖޭގައި އިންޑިއާ ސިފައިން ވެސް ތިބެ އެވެ.
ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ހެލިކޮޕްޓަރާ ގުޅިގެން ދައްކަނީ ސިޔާސީ ބޭކާރު ވާހަކަ ކަމަށެވެ. ޕްރެޒެންޓަރު މާރިޔާއާ ސުވާލު ކުރެއްވީ އިންޑިއާ ސިފައިންގެ ބޮޑު ފައުޖެއް ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ތިބޭ ކަމަށް ބުނެ ދެކެވޭ ވާހަކައާ ގުޅިގެންނެވެ.
އަދި އެމީހުން ހެލިކޮޕްޓަރު އޮޕަރޭޓް ކުރުން ފިޔަވައި އިންޓެލިޖެންސް މައުލޫމާތު ހޯދުން ފަދަ އިތުރުކަމެއް ކުރޭތޯ ޕްރެޒެންޓަރު ސުވާލު ކުރި އެވެ. އެ ސުވާލަށް މިނިސްޓަރު މާރިޔާ ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ މިހާރަކީ މިލިޓަރީ ޔުނިފޯމު އަޅައިގެން އިންޓެލިޖެންސް ހޯދާނެ ޒަމާނެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިއީ ހަމަ ސިޔާސީ ބޮޑު ވާހަކަތަކެއް ހެން. ޔުނިފޯމު އަޅައިގެން ތިމަންނަމެން މިލިޓަރީ ގޮތަށް އައިސްގެން މިތާ ތިބެގެން އެމީހުން މިތާ ޖާސޫސު ކުރަނީއޭ." މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އެކަހަލަ ކަމެއް ހިނގާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި އިންޑިއާއަކީ ކޮމްޕިޓަރު ޓެކްނޮލޮޖީގެ ގޮތުން ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ގައުމުކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ އެވަރުގެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައި ތިބި ބަޔަކު ރާއްޖެއަށް ސިފައިން ފޮނުވައިގެން ޖާސޫސު ކުރާ ކަމަށް ބުނީމަ ގަބޫލުނުކުރެވޭ ކަމަށެވެ.
"އެއްކަލަ އަޅުގަނޑުމެން ކޯޓުތަކުގައި އިންޓެލިޖެންސް ދޭހެން ކަންނޭންގެ މިވާހަކަ މިދެއްކެނީ. އެއީ ޔާމީން ސަރުކާރުގެ ބޭފުޅުން ދައްކަވާ ކަހަލަ ވާހަކަ. ޒަމާނީ ތައުލީމުގެ ފުކެއްވެސް ހުރި ބަޔަކު ދައްކާ ކަހަލަ ވާހަކައެއް ނޫން އެއީ." މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ތިބޭ އިންޑިއާ ސިފައިން ޖާސޫސު ކުރާ ކަމަށް ބުނެ ވާހަކަ ދައްކަނީ "ތައުލީމުގެ އުޑެއް ބުޑެއް ނުދަންނަ ބަޔަކު" ކަމަށެވެ. އެ ދައްކާ ވާހަކައަކީ މާ ބޮޑު އެއްޗެއް ކަމަށް ދެކޭނީ ވެސް "އުޑެއް ބުޑެއް ނުދަންނަ ބަޔަކު" ކަމަށް މާރިޔާ ވިދާޅުވި އެވެ.
ދެ ހެލިކޮޕްޓްރުގެ ބޭނުންތެރި ކަމުގެ ވާހަކަ ވެސް މާރިޔާ ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ ރާއްޖެ އުފެދިފައި އޮތް ގޮތުން އެއްތަނުން އަނެއްތަނަށް ބަލީމީޙުން އާޖެންޓްކޮށް ގެންދިއުމަކީ ހެލިކޮޕްޓަރާ ނުލާ ކުރަން އުނދަގޫ ކަމެއް ކަމަށެވެ. ހެލިކޮޕްޓަކުގެ މުހިންމުކަން ވިސްނޭނީ ކޮންމެހެން ބަލި މީހަކު ގެންދަން ޖެހިގެން އެއާލައިނަކުން ޓިކެޓް ނުލިބިގެން އުޅޭ މީހަކަށް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
އިންޑިއާއާ ސަލާމަތީ ގުޅުންތައް ވަރުގަދަކޮށް، އެ ގައުމުގެ ސިފައިން ރާއްޖޭގައި ދާއިިމީކޮށް ބައިތިއްބައިފި ނަމަ ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާއިން ބުނެފައިވާ ކަމަށް ބުނެ އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.
އެކަމާ ގުޅިގެން ޕްރެޒެންޓަރު ސުވާލު ކުރުމުން ވެސް މާރިޔާ ވިދާޅުވީ އެދައްކަނީ "ވަރަށް ބޭކާރު ވާހަކަ" ކަމަށެވެ. އަދި އިންޑިއާ ސިފައިން ކޮންމެގެން ރާއްޖޭގައި ބޭސްއެއް ހަދައިގެން ރާއްޖެއައިސް ތިބެން ބޭނުންވާނެ ހެން ހީ ނުވާ ކަމަށް މާރިޔާ ވިދާޅުވި އެވެ. އެއީ ކަނޑު މަގުން ދަތުރުކޮށްފައިވެސް 10 ގަޑިއިރަށް ވުރެ އަވަހަށް ރާއްޖެއަށް އިންޑިއާގެ ޝިޕްތަކަށް އާދެވޭހާ ކައިރީގައި އޮތް ގައުމެއް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
"އެމީހުން ކޮންމެހެން މިތަނަށް އައިސް މިތާ ބޭސްއެއް އަޅައިގެން ތިބުމުގެ އަޅުގަނޑަކަށް ނުފެނޭ އެއްވެސް ބޭނުމެއް އެމީހުންނަކަށް އޮއްވަކާ. އެއީ އެމީހުން ރަށުގައި ތިބެގެން މިތާ ބޭސްތައް ކަވާ ކުރެވޭ ވަރަށް އެހާ ކައިރީގައި ތިބި ބައެއް ޖިއޮގުރޮފިކަލީ." މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އެ ވާހަކަ އެގޮތަށް ދައްކަނީ މި ސަރުކާރަށް ފައިސާ ލިބިގެން މަސައްކަތް ކުރެވި މި ފަސް އަހަރު ހިނގާދިޔަ ކޮރަޕްޓް ޑިލްތަކުގެ މައުލޫމާތު އެނގި އެއިން ނުކުމެވެން މަގުފަހިވާން އުޅެން ފެށީމަ ކަމަށެވެ.
ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖޭގައި އިންޑިއާގެ 60 ވަރަަކަށް ސިފައިން ތިބެ އެވެ. ދެ ހެލިކޮޕްޓަރު ރާއްޖެ އަށް 2010 ވަނަ އަހަރު ދިނީ ދެ އަހަރުގެ ތެރޭގައި އެ ދޭތި އޮޕަރޭޓް ކުރުމަށް ދިވެހިންނާ ހަވާލުކުރާ ގޮތަށެވެ. ނަމަވެސް އަދި މިހާތަނާ ޖެހެންދެން ވެސް އެ ދެ އުޅަނދު އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިންނެވެ.