އިންޑިއާއިން ރާއްޖެއަށް ދީފައިވާ ދެ ހެލިކޮޕްޓަރު ފޮނުވާނުލައި ރާއްޖޭގައި ބާއްވަން ނިންމައިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ވިއޯން ނިއުސަށް މިއަދު މައުލޫމާތު ދެއްވަމުން، މާރިޔާ ވިދާޅުވީ ދެ ހެލިކޮޕްޓަރަކީ އިންޑިއާ އިން ރާއްޖެއަށް ދިން ހަދިޔާއެއް ކަމަށާއި އަދި އަނބުރާ އެ ހަދިޔާ ރައްދުކުރުމަކީ ރާއްޖޭގެ ސަގާފަތެއް ނޫން ކަމަށެވެ.
މާރިޔާ ވިދާޅުވީ އެ ހެލިކޮޕްޓަރުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނެ ކަމަށެވެ.
"ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިޔުގައި އެ ހެލިކޮޕްޓަރުތައް ބޭނުންކުރެވޭނެ." މާރިޔާ ވިދާޅުވި އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ދާދިފަހުން އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖެ އަށްދިން ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމުގައި ހާއްސަކޮށް މޫސުމީ ބައެއް ގޮންޖެހުންތައް އެބަހުރި ކަމަށާއި އޭގެ ސަބަބުން ބަލިމީހުން އުފުލުމުގައި ބައެއް ހާލަތްތަކުގައި އުނދަގޫ ކަމަށެވެ.
އެ ދެ ހެލިކޮޕްޓަރުގެ ބަދަލުގައި މަތިންދާ ބޯޓެއްބޯޓެއް ރާއްޖެއަށް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ވެސް ކުރީ ސަރުކާރުން ވަނީ ބުނެފަ އެވެ.
ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ އެ ދެ ހެލިކޮޕްޓަރު ވެސް އޮޕަރޭޓް ކުރަމުން ގެންދިޔައީ އެއްބަސްވުމެއްގެ ދަށުން ކަމަށާއި ހެލިކޮޕްޓަރުތައް ފޮނުވާލަން ނިންމީ އޭގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުމުގެ އިތުރުން ޑޯނިއާ މެރިޓައިމް ސަވައިލަންސް މަތިންދާބޯޓެއް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާތީ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ބޭނުންކުރަނީ އައްޑޫ ސިޓީ ގަމުގަ އެވެ. ދެވަނަ ހެލިކޮޕްޓަރު ބޭނުންކުރަނީ ލ. އަތޮޅުގައި، އިސްކަންދަރު އެއާޕޯޓުގަ އެވެ. ފުރަތަމަ ހެލިކޮޕްޓަރު ރާއްޖެ ގެނެސްފައި ވަނީ 2010 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި ދެވަނަ ހެލިކޮޕްޓަރު ރާއްޖެ ގެނެސްފައި ވަނީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ.
އިންޑިއާގެ ދެ ހޮލިކޮޕްޓަރު ބޭނުން ކުރުމަށް އިންޑިއާގެ 40 އަށް ވުރެ ގިނަ މިލިޓަރީ މީހުން ތިބޭ ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.