އެމްޑީޕީ އާއި ޕީއެންސީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ވެރިކަން ކުރުމުގެ ފުރުސަތު ލިބިގެންދިޔައިރު، އެ ދައުރުތަކުގައި ހުރިހައި އާރަކާއި ބާރެއްލިބިހުރެމެ ގައުމާއި ރައްޔިތުންނަށް ކަމެއް ކޮށް ނުދެވުނު ކަމަށާއި ދެން ވެސް ކުރެވޭނެ ކަމެއް ނޯންނާނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.
އުމަރު ފާހަގަކުރެއްވި ގޮތުގައި މި ދެ ޕާޓީއަކީ ވެސް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރަން ބޮޑު ބާރަކާއެކު ފުރުސަތު ލިބުނު ދެ ޕާޓީ ކަމަށެވެ. އެހެން ނަމަވެސް، ރައްޔިތުން އެ ދެ ޕާޓީއަށް އިތުބާރުކޮށް، ވެރިކަމާއި އާރާއި ބާރު ދިނީމައި ގައުމަށާއި ރައްޔިތުންނަށް ކޮށްދޭންޖެހޭ މުހިންމު ކަންކަން ކޮށްދިނުމުގައި ވަނީ ނުކުޅެދިފަކަމަށް އުމަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޔާމީންގެ އިތުރުން ކުރީގެ ރައީސް ޞާލިޙް އެކުގައި ބައްދަލުކުރެއްވުން: ތިން ރައީސުން ވިދާޅުވީ އެއް މޭޒަކަށް އައީ ނޫސްވެރިކަމުގެ ދިފާއުގައި ކަމަށް-- ސަން ފޮޓޯ: ޝާތިއު
"އެމްޑީޕީއާއި ޕީއެންސީއަށް ރައްޔިތުން ވަނީ ހުރިހާ ބާރެއް ވެސް ދީފަ. އެ ބާރުތައް ދިނީ ރައްޔިތުން ވެސް އެ ބޭފުޅުންނަށް ވަރަށް އިތުބާރުކޮށްފަ. އެހެން ނަމަވެސް ކިހިނެތްތޯ މިވީ. ހުރިހާ އާރަކާއި ބާރެއް ދިނީމަވެސް އެ ރައްޔިތުންނަށް ކަމެއްކޮށް ނުދެވުނު. އެހެންވީ ދެނެސް ކޮށް ނުދެނޭނެ." އުމަރު ވިދާޅުވިއެވެ.
ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން އުމަރު ވިދާޅުވީ، "ހަމަ ދެންވެސް ވާނީ ކުރިންވެސް ވީވަރު" ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މި ދެ ޕާޓީގެ ވެރިކަމުގައި ވެސް ފެނިގެންދާނީ ދައުލަތުގެ ތިޖޫރީ ހުސްވެ، އަޚުލާގީ މިންގަނޑުތައް ގެއްލި، ގައުމު ދަރަމުންދާ މަންޒަރެވެ. އަދި ހަމައެއާއެކު ވެރިންގެ ޖީބުތައް ފުރެމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާ މި ދަނޑިވަޅުގައި، އެ ޕާޓީގެ ކެންޑިޑޭޓުން ތަފާތު ވައުދުތަކާއި ހެޑްލައިންތައް ހަދަމުންދާކަން އުމަރު ފާހަގަކުރެއްވިއެވެ. އުމަރު ވިދާޅުވީ އެމްޑީޕީން ކިތަންމެ ތަރިއެއް ބޭލިޔަސް އަދި ޕީއެންސީން ކިތަންމެ ވަރުގަދަ ވައުދުތަކެއް ވީނަމަވެސް އަމަލީ ގޮތުން އެއްވެސް ތަފާތެއް ނުފެންނާނެ ކަމަށެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ ކުރީގެ 3 ރައީސުންނަކީ ފޭލިޔަރުން ކަމަށް --- ފޮޓޯ/ ޕީއެންސީ
އުމަރު އިތުރަށް ވިދާޅުވީ އޭނާ ދަތުރުކުރައްވަނީ މުޅިން އާ މިސްރާބަކަށް ކަމަށެވެ. އެހެން ޕާޓީތަކާ ތަފާތު މަގަކުން ހިނގަމުންދަނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް މިހާތަނަށް ހައްލުކޮށްނުދެވުނު ގައުމީ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ މަގްސަދުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަޑު މިހިގަނީ މިބައިމީހުން ހިގާމަގަކުންނޫން. އަޅުގަޑު މި ދަތުރުކުރަނީ މުޅިން އާ މިސްރާބަކަށް." އުމަރު ވިދާޅުވިއެވެ.
އުމަރުގެ މިވާހަތަކަކީ ކުރިން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި، ގައުމުގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މައިގަނޑު ދެ ބާރަށް އަމާޒުކުރެއްވި ވަރުގަދަ ފާޑުކިޔުމެކެވެ.
އުމަރުގެ އަޑު މިދުވަސްވަރު މަޑުވެފައިވާ ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، މިއީ ގައުމީ ކެމްޕޭނެއް ހިނގާ ވަގުތަކަށް ނުވާތީ އަޑު މަޑުވެފައިވަނީ ކަމަށެވެ.