އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަށް ހުއްދަ ދިންކަމަށް ބުނާ ވާހަކަ ފޮރިން މިނިސްޓްރީއިން ދޮގުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަށް ސަރުކާރުން ހުއްދަ ދިން ކަމަށް މީޑިއާތަކުގައި ދައްކަމުންދާ ވާހަކަ ފޮރިން މިނިސްޓްރީ އިން ދޮގު ކޮށްފިއެވެ.

އިންޑިއާއާ ސަލާމަތީ ގުޅުންތައް ވަރުގަދަކޮށް، އެ ގައުމުގެ ސިފައިން ރާއްޖޭގައި ދާއިިމީކޮށް ބޭތިއްބުމުގެ ބަދަލުގައި ރާއްޖޭގެ ދަރަނި އަދާ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ލުއި ލޯން ދިނުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި މީގެ ދެ ދުވަސް ކުރިން ވަނީ ރިޕޯޓު ކޮށްފި އެވެ. އަދި މިއެއްބަސްވުމުގެ ދަށުން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ ހުއްދަ ދިނުމަށް ޝަރުތު ކޮށްފައިވާ ކަމަށް އެ ރިޕޯޓްތައް ބުނެއެވެ.

އެ ވާހަކަތައް ދޮގުކޮށް، މިރޭ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދާއިމީ ގޮތެއްގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަށް، ދިވެހި ސަރުކާރުން ހުއްދަ ދިނުމަށް ރާވަމުންދާ ކަމަށް މީޑިއާގައި ދައްކަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

"އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމަށް، ދިވެހި ސަރުކާރުން ހުއްދަ ދިނުމަށް ރާވަމުންދާ ކަމަށް މީޑިއާގައި ދައްކަމުންދާ ވާހަކަތަކަކީ ހަޤީގަތާ ޚިލާފު ވާހަކަތަކެއް. އެއީ އަވައްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު އޮންނަ ގުޅުން އަލުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ފަތުރަމުންދާ އަސްލެއް ނެތް ވާހަކަތަކެއް،" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

https://www.sun.mv/112264

ބާޔާނުގައި އިތުރަށް ބުނެފައިވަނީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫ އަރާނެ ފަދަ އެއްވެސް ބައިނަލްއަޤްވާމީ ނިންމުމެއް ނުނިންމާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް ސަރުކާރުން ޑީލް އެއް ހެދި ކަމަށް ބުނާ ވާހަކައާއި ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި ބައެއް ރައްޔިތުން ދަނީ އެ ކަަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް