ނޫސްވެރިން ޖަލަށްލާ ހިސާބަށް އައުމަކީ އެ ވެރިކަމެއް ނިމުމުގެ ފެށުން: އުމަރު

އުމަރު ނަސީރު: ވިދާޅުވީ ނޫސްވެރިން ޖަލަށްލާ ހިސާބަށް އައުމަކީ އެ ވެރިކަމެއް ނިމުމުގެ ފެށުން ކަމަށް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ ނޫސްވެރިން ޖަލަށްލައި އަނގަބަންދުކުރަން ޖެހުމަކީ ކޮންމެ ވެރިކަމެއްގެވެސް ނިމުމުގެ ފެށުން ކަމަށެވެ. މިފަދައިން އޭނާ ވިދާޅުވީ އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ކްރިމިނަލް ކޯޓުގެ އަމުރަކާ ޚިލާފުވި ކަމަށް ބުނެ ޖަލަށްލުމާ ގުޅިގެންނެވެ. އުމަރު ފާހަގަކުރެއްވި ގޮތުގައި ވެރިންނަކީ އާންމުންނަށްވުރެ ބޮޑަށް ފާޑުކިޔުންތަކާ ކުރިމަތިލާންޖެހޭ ބައެކެވެ. އަދި ވެރިންގެ މައުސޫމްކަން ސާބިތުކޮށްދޭންޖެހޭނީ އާންމު ރައްޔިތުންގެ ކުރިމަތީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

  • ނޫސްވެރިން ޖަލަށްލުމަކީ ވެރިކަމެއް ނިމުމުގެ ފެށުންކަމަށް އުމަރު ނަސީރު ވިދާޅުވި
  • އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަދި ޝަހުޒާން ވަނީ ޖަލަށްލާފައި
  • ވެރިންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އާންމުންގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭނެކަން ފާހަގަކުރެއްވި
  • މި ދެ ނޫސްވެރިން ޖަލަށްލީ ކޯޓު އަމުރަކާ ޚިލާފުވި ކަމަށް ބުނެކަން

ނޫސްވެރިން ޖަލަށް ލައި، "އަނގަ ބަންދުކުރަންޖެހޭ" ހިސާބަށް އައުމަކީ އެ ވެރިކަމެއް ނިމުމުގެ ފެށުން ކަމަށާއި، އެއީ ރާއްޖޭގެ ތާރީޚުން ވެސް ފެންނަން އޮތް ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ.

އުމަރު އެފަދައިން ވިދާޅުވީ، 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލާފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ނެރުއްވި ބަޔާނުގައި އުމަރު ވިދާޅުވީ ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބޭ ވެރިންނަކީ އާންމު އެހެން ފަރުދުންނާ ޚިލާފަށް އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ އަޑުގަދަވާނެ ބައެއްކަން ދެނެތިބެގެން އެކަންކަމާ ހަވާލުވާ ބައެއް ކަމަށެވެ. އަދި ވެރިންނަށް ކުރެވޭ ތުހުމަތުތަކަކީ، އެހެން އާންމު ފަރުދުންނެކޭ އެއްގޮތަށް މިނެކިރާ އެއްޗެއް ނޫން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

ވެރިން ހުތުރުކަމެއްގައި ބައިވެރިނުވާކަން ސާބިތުވާން ޖެހެނީ ޝަރުއީ ކޯޓަކު ނޫން. މައުސޫމްކަން ސާބިތުކުރަން ޖެހެނީ 'ކޯޓް އޮފް ޕަބްލިކް އޮޕީނިއަން' ގައި. އާއްމު ރައްޔިތުންގެ ވިސްނުމުގައި އެވެރިއެއް މައުސޫމް ކަމަށް ބުރަވެވެން ޖެހޭ. ކުރެވޭ ތުހުމަތަށް އޮތް ހަމައެކަނި ޖަވާބަކީ 'ދޮގެކޭ' ބުނުމަކުން ނުފުދޭ، އުމަރު ނަސީރު

އަދަދު ނޫހުގެ ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި މިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ.

https://sun.mv/221890

ކޯޓުން ވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކޮށްފައި ވަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހުޒާން ހާޒިރުކޮށްފައި ވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.

comment ކޮމެންޓް