އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ މުސާރަ އާއި އެލަވަންސް ގަނޑުކޮށް ޖަމާކޮށްދީފި އެވެ.
މަޖިލީހަށް އިންތިހާބްވި ޕާޓީން ވަކިވެ ނުވަތަ ވަކިކުރާ ދުވަހުން ފެށިގެން، އިލެކްޝަންސް ކޮމިޝަން (އީސީ) ވަނީ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމައިފަ އެވެ. އަދި އެ ދުވަހުން ފެށިގެން ދާދި ފަހުން ސުޕްރީމް ކޯޓުން އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކުރުމާ ހަމައަށް ވޭތުވެ ދިޔަ ދުވަސްތަކަށް ގަނޑުކޮށް މުސާރަ ޖަމާކޮށްދީފައިވާ ކަމަށް ބައެއް މެންބަރުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.
މަޖިލީހުގެ މެންބަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި، ޕެންޝަން ފައިސާ ކެނޑުމަށް ފަހު ޖުމްލަ 79،500 ރުފިޔާ ލިބެ އެވެ.
ބާރަ މެންބަރުންގެ ތެރެއިން އެންމެ ފުރަތަމަ ގޮނޑި ގެއްލުނު ކަމަށް އިސީ އިން ނިންމާފައި ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.
އެ ހަތަރު މެންބަރުން ޕީޕީއެމުން ވަކިކުރިކަން އީސީ އަށް އަންގާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 18 ގަ އެވެ. އަދި އެ ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރިމް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެހެން ކަމުން އެ ހަތަރު މެންބަރުންކުރެ ކޮންމެ މެންބަރަކަށް މިލިއަން ރުފިޔާ އަށް ވުރެ ގިނައިން އެއް ފަހަރާ ފައިސާ ލިބޭނެ އެވެ.
ބާރަ މެންބަރުންގެ ތެރެއިން އެންމެ ފަހުން ގޮނޑި ގެއްލިއްޖެ ކަމަށް އީސީ އިން ނިންމާފައި ވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ. އެ މެންބަރުން ޕީޕީއެމުން ވަކި ކުރިކަން އަންގާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. އަދި އެ ދެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރިމް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
އެހެންކަމުން 12 މެންބަރުންގެ ތެރެއިން އެންމެ މަދު ދުވަސްކޮޅަކު މަޖިލީހަށް ނުވަދެވި ތިބި ދެ މެންބަރުން ވެސް ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ވަނީ 11 މަސް ހޭދަވެފަ އެވެ. އެ ދެ މެންބަރުންނަށް ގާތްގަނޑަކަށް އަށް ލައްކަ ރުފިޔާ، މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭނެ އެވެ.
އެ ހަ މެންބަރުންގެ އިތުރުން ދެން މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ. އެ ބޭފުޅުންނަށް ވެސް ކޮންމެ ބޭފުޅަކަށް މިލިއަން ރުފިޔާ ވަރު އެއްފަހަރާ ލިބޭނެ އެވެ.