މާސްކް ލައިނުން ރާއްޖެ އަށް މުދާ އެތެރެކުރަން ފައްޓައިފި

"މާސްކް ލައިން"ގެ ކޮންޓޭނާ އުފުލާ ކާގޯއެއް-- ފޮޓޯ// މާސްކް ލައިން

ދުނިޔޭގެ އެންމެ ބޮޑު ކޮންޓޭނާ ޝިޕިންގް ކޮމްޕެނީ "މާސްކް ލައިން" އިން ރާއްޖެ އަށް އަލުން މުދާ އެތެރެކުރަން ފައްޓައިފި އެވެ.

ރާއްޖެއަކީ ކުރިއަރަމުން އަންނަ ބޮޑު މާކެޓެއް އޮތް ގައުމެއް ކަމަށާއި ހާއްސަކޮށް ފަތުރުވެރިކަމުގެ މާކެޓް އަންނަނީ އަތު ނުޖެހޭވަރަށް ފުޅާ ވަމުން ކަމަށް އެ ކުންފުނީގެ އިންޑިއާ އާއި ލަންކާ އާއި ބަނގުލަދޭޝް އާއި ނޭޕާލްގެ އިތުރުން ބޫޓާންގެ އަދި ރާއްޖެ އާއި ހަވާލުވެ ހުންނެވި މެނޭޖިންގް ޑައިރެކްޓާ ސްޓީވް ފެލްޑާ އާ ހަވާލާދީ މާސްކް ލައިނުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ސްޓީވް ވިދާޅުވި ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރަމުން އަންނަ ޗައިނާ އާއި އިންޑިއާ އަދި ސްރީލަންކާއިންނެވެ. އެ ކުންފުނީގެ ބޯޓުތައް މުދާ އުފުލަން ފެއްޓުމުން ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރީގެ މުއާމަލާތައް ފަސޭހަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ސްޓީވް ވިދާޅުވި އެވެ.

"މާސްކް ލައިން" ޝިޕިންގް ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު މުދާ އުފުލާ ކުންފުންޏެވެ. އަދި ދުނިޔޭގެ 121 ގައުމަކަށް އެ ކުންފުނީގެ ބޯޓްތަކުން މުދާ އުފުލަ އެވެ. އަދި އެކި ގައުމުތަކުގައި އެ ކުންފުނީގެ 343 ޕޯޓު ހުރެއެވެ. އެ ކުންފުންޏަކީ ކަނޑުމަގުންނާއި އެއްގަމު މަގުން ވެސް މުދާއުފުލާ ކުންފުންޏެކެވެ.

comment ކޮމެންޓް