ޖީއެސްޓީ އިތުރުވެ، އާމްދަނީއަށް 11 އިންސައްތައިގެ ކުރިއެރުމެއް

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު-- ފޮޓޯ: ފިނޭންސް މިނިސްޓްރީ

މިދިޔަ އަހަރަށް ވުރެ މި އަހަރު ޖީއެސްޓީން ލިބުނު އާމްދަނީ ގާތްގަނޑަކަށް 10 އިންސައްތަ އިތުރުވެ, ޖުމުލަ އާމްދަނީ 11 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖީއެސްޓީގެ ގޮތުގައި މިދިޔަ ޖުލައި މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވަނީ 9.96 ބިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު 9.09 ބިލިއަން ރުފިޔާއަށް ވުރެ 9.7 އިންސައްތަ އިތުރު އަދަދެކެވެ.

އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހާ އަޅާބަލާއިރު، ޖުމުލަ ގޮތެއްގައި މި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 21.7 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނުއިރު މި އަހަރުގެ މި މުއްދަތުގައި ވަނީ 24.1 ބިލިއަން ރުފިޔާ ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 11 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެހެންކަމުން ފިނޭންސް މިނިސްޓްރީން އާމްދަނީ ލިބޭނެ ކަމަށް އަންދާޒާކުރި އަދަދު ކަމަށްވާ 40.4 ބިލިއަން ރުފިޔާއިން މިހާތަނަށް ދައުލަތަށް ލިބިފައިވަނީ 59.7 އިންސައްތައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވާން މަގުފަހިވީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ދެމިހުރި ގޮތެއްގައި އިތުރުވުން ހިމެނޭ ގޮތަށް، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ.

މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ އިތުރަށް ވަނީ ލިބިފައެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައި ސަރުކާރުން އަންދާޒާކުރީ ހިލޭ އެހީގެ ގޮތުގައި ލިބޭނީ 374 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު ޖުލައި 23ގެ ނިޔަލަށް 454 މިލިއަން ރުފިޔާގެ ހިލޭ އެހީ ލިބުނު ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް