މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު އާންމުކޮށްފިއެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ބޭންކުގެ މުހިންމު ހުރިހާ މާލީ ދާއިރާތަކުން ވެސް ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ދެވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމްލަ އެސެޓް ވަނީ 19.31 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 4.37 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 43.52 ޕަސެންޓްގެ ބޮޑު އިތުރުވުމެކެވެ.
ހަމައެއާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި 170 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރަށްވުރެ 4.29 ޕަސެންޓްގެ އިތުރު އަދަދެކެވެ.
ބޭންކަށް ސާފު ފައިދާގެ ގޮތުގައި 111.42 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އަހަރީ ގޮތުން ބަލާއިރު 15.66 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެމްއައިބީން ބުނި ގޮތުގައި ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ބޮޑުވަމުންދާކަން ހާމަވާ އެންމެ ބޮޑު އެއް ދާއިރާއަކީ ޑިޕޮޒިޓްތަކެވެ. އެގޮތުން މި ކުއާޓަރުގައި ޑިޕޮޒިޓް ކުރި އަދަދު 5.37 ޕަސެންޓް އިތުރުވެ، 16.22 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 43.24 ޕަސެންޓްގެ ބޮޑު އިތުރުވުމެކެވެ.
އާމްދަނީގެ ގޮތުގައި 284.60 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރަށްވުރެ 5.85 ޕަސެންޓް އަދި ނިމުނު އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 32.07 ޕަސެންޓްގެ އިތުރުވުމެކެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ކުރިއަރާފައިވާ އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، އެމްއައިބީގެ އަމާޒަކީ އީޖާދީ، ކަސްޓަމަރުންނާ ރައްޓެހި މާލީ ޚިދުމަތްތައް ފޯރުކޮށްދީ، ޒިންމާދާރު ބޭންކިންގ އުސޫލުތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އެހީތެރިވެދިނުން، މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)
އެމްއައިބީން ބުނި ގޮތުގައި އެ ބޭންކުން މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތައް ފުޅާކޮށް، އިސްލާމިކް ބޭންކިން ދާއިރާގައި ރާއްޖޭގައި އޮތް މަގާމު އިތުރަށް ވަރުގަދަކުރުމަށެވެ.