މަހެއް ތެރޭ ވީއައިއޭ މެދުވެރިކޮށް 621 ޓަނަށް ވުރެ ގިނަ ކާގޯ ފޮނުވައި، ރެކޯޑެއް

ރާއްޖޭން ބޭރަށް ފޮނުވަން ބޯޓަކަށް ކާގޯ އަރުވަނީ --- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ފުރަތަމަ ފަހަރަށް މިދިޔަ މަހު 621 ޓަނަށް ވުރެ ގިނަ ޓްރާންސްޝިޕްމަންޓް މުދާ ރާއްޖޭން ބޭރަށް ފޮނުވައި، ރެކޯޑެއް ގާއިމުކޮށްފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ، މިއީ ސީޓު އެއާ އަދި އެއާޓު އެއާ އޮޕަރޭޝަންތަކުގެ ދަށުން ހާސިލުކުރެވުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެގޮތުން، ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު މަހެއްގެ މައްޗަށް 2,000 ޓަނަށްވުރެ މައްޗަށް ގޮސް، އާ ރެކޯޑެއް ގާއިމުކުރެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރާއްޖޭން ބޭރަށް ފޮނުވަން ބޯޓަކަށް ކާގޯ އަރުވަނީ --- ފޮޓޯ/ އެމްއޭސީއެލް

ސީޓު އެއާ ޚިދުމަތަށް ބަލާއިރު، މިދިޔަ މަހު އެކަނި ވެސް 621 ޓަނުގެ މުދާ ވަނީ ފޮނުވާފައި ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އެ ކުންފުނިން ފާހަގަކުރި ގޮތުގައި، މިއީ މި ޚިދުމަތް ތައާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލި ފަހަރެވެ.

މި ކުރިއެރުންތަކުން ދައްކައި ދެނީ، ވީއައިއޭއަކީ އޭޝިއާއާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން ބޮޑެތި މާކެޓުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒަކަށް ވަމުންދާ ކަން ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.

ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން، މިއީ ކާގޯ ޓްރާންސްޝިޕްމަންޓް ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް އެކަށީގެންވާ މަންޒިލެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ކަނޑުމަގުން މުދާ ގެނައުމަށްފަހު ވައިގެ މަގުން ފޮނުވުމަކީ، ހަރަދު ކުޑަކޮށް އަދި އަވަހަށް މުދާ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ލޮޖިސްޓިކްސްގައި ބޭނުންކުރާ މޮޑެލްއެއް ކަމަށް އިންޑަސްޓްރީގެ އޮފިޝަލުން ފާހަގަކުރެއެވެ.

comment ކޮމެންޓް