ހަތަރު އަހަރަށް ފަހު އެއާ އޭޝިއާ އެކްސްގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ

އެއާ އޭޝިއާ އެކްސްގެ މަތިންދާބޯޓެއް --

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، އެއާ އޭޝިއާގެ މީޑިއަމް އަދި ލޯންގް-ހޯލް ފްލައިޓުތައް ބާއްވާ އެއާލައިން "އެއާ އޭޝިއާ އެކްސް"އިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

އެއާ އޭޝިއާއިން ކުއަލަ ލަމްޕޫރުން ރާއްޖެއަށް ދަތުރުތައް ފެށީ މީގެ ދެ އަހަރު ކުރިން، 22 މެއި 2016 ގަ އެވެ. އެއަށް ފަހު 2017 ވަނަ އަހަރު އެއާ އޭޝިއާގެ ސަބްސިޑަރީ، ތައި އެއާ އޭޝިއާ އިން ވަނީ ބެންގްކޮކާއި މާލެއާ ދެމެދު ދަތުރުތައް ފަށައިފަ އެވެ.

އެއާ އޭޝިއާ ކުންފުނިން ދާދި ފަހުން ބުނެފައިވާ ގޮތުން، 2018ގެ ފެބްރުއަރީ މަހު އެއާ އޭޝިއާ އެކްސްއިން ކުއަލަ ލަމްޕޫރާއި މާލެއާ ދެމެދު ދަތުރުތައް އަލުން ފަށާނެ އެވެ.

އެއާ އޭޝިއާ އެކްސްގެ ހެޑް އޮފް ކޮމާޝަލް ބެރީ ކްލިޕް ވިދާޅުވީ، އެއާ އޭޝިއާ އިން މާލެ އާއި ކުއަލަ ލަމްޕޫރާ ދެމެދު ބާއްވަން ފެށި ދަތުރުތަކަށް ބޮޑު ޑިމާންޑެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، ހަފްތާއަކު ތިން ދަތުރުކުރާ ގޮތަށް ފެށި ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި މާލެއާއި ކުއަލަ ލަމްޕޫރާ ދެމެދު ޑެއިލީ ފްލައިޓުތަކަށް ބަދަލުކުރެވިގެން ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން މި ޑިމާންޓަށް ކޭޓާ ކުރުމަށް ޓަކައި، އެއާ އޭޝިއާ އެކްސްއިން ވެސް މާލެއާއި ކުއަލަ ލަމްޕޫރާ ދެމެދު ދަތުރުކުރަން ފެށުމަށް އަނެއްކާ ވެސް ނިންމީ ކަމަށް ބެރީ ކްލިޕް ވިދާޅުވި އެވެ.

އެއާ އޭޝިއާ އެކްސް އިން ރާއްޖެ ކުރާ ފުރަތަމަ ދަތުރު އޮންނަނީ އަންނަ ފެބްރުއަރީ ހަވަނަ ދުވަހު އެވެ. އެ އެއާލައިނުން ރާއްޖެ ދަތުރުކުރާނީ އެއާލައިން ކޯޑު D7 އާ އެކު، ހަފްތާއަކު ހަތަރު ދުވަހު އެވެ. އެއާ އޭޝިއާ އެކްސްގެ ދަތުރުތަކުގައި ބޭނުންކުރާނީ 147 މީހުންގެ ޖާގަ އޮންނަ، އެއާބަސް އޭ330 މަރުކާގެ ބޯޓެވެ.

comment ކޮމެންޓް