މެލޭޝިއާގައި 18.19 މިލިއަން ރިންގިޓްގެ ޑުރަގު ހޯދައި، ބޮޑު ނެޓްވޯކެއް ހުއްޓުވައިފި

މެލޭޝިއާގެ ފުލުހުން ހޯދި މަސްތުވާތަކެތި: 18 މިލިއަން ރިންގިޓްގެ ޑުރަގު ހޯދައި، ބޮޑު ނެޓްވޯކެއް ވަނީ ހުއްޓުވައިފައި -- ފޮޓޯ/ ދަ ސްޓާ

މެލޭޝިއާގެ ޖޯހޯރުގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި 18.19 މިލިއަން ރިންގިޓް (4.45 މިލިއަން ޑޮލަރު)ގެ މަސްތުވާތަކެތި އަތުލައިގަނެ، މަސްތުވާތަކެތި އުފައްދާ ބޮޑު ނެޓްވޯކެއް ހުއްޓުވައިފިއެވެ.

މެލޭޝިއާގެ ނޫސްތަކުގައިވާ ގޮތުން، މި މަހުގެ އެއްވަނަ ދުވަހު ޖޯހޯރުގެ ޓަމަން މެގާ ރިއާ އަދި ޖަލާން ޕަމާސް ސަރަހައްދުގައި ފުލުހުން ހިންގި ރޭޑުތަކުގައި 17 އަހަރާއި 22 އަހަރާ ދެމެދުގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ބުކިޓް އަމާން ނާކޮޓިކްސް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (އެންސީއައިޑީ) ގެ ޑިރެކްޓަރު ކޮމިޝަނަރު ހުސައިން އުމަރު ޚާނާ ހަވާލާދީ ނޫސްތަކުގައިވާ ގޮތުން، އެ އޮޕަރޭޝަންތަކުގައި 106 ކިލޯއަށް ވުރެ ގިނަ އެމްޑީއެމްއޭ ޕައުޑަރާއި، އެހެނިހެން ބާވަތްތަކުގެ މަސްތުވާތަކެއްޗާއި، ކެމިކަލްގެ އިތުރުން މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ އާލާތްތައް ވަނީ ހޯދައިފައެވެ.

ޖޯހޯރުގެ ފުލުހުންގެ މައި މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚާން ވިދާޅުވީ، އަތުލައިގަތް ތަކެތީގެ އަގު 18.19 މިލިއަން ރިންގިޓަށް އަރާ ކަމަށާއި، އެއީ 426،000 އެއްހާ މީހުންނަށް އޭގެ ނުރައްކާ ފޯރާނެ މިންވަރުގެ މަސްތުވާތަކެތި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ނެޓްވޯކުން މަސައްކަތް ފަށާފައިވަނީ ވަރަށް ފަހުންނެވެ. އެގޮތުން، އެ ނެޓްވޯކްގެ އޮޕަރޭޝަންތައް ފެށީ ޖޫން މަހު ކަމަށާއި، ފުލުހުން ރޭޑުކުރި ވަގުތު ވެސް ލެބޯޓަރީ ތައްޔާރުކުރުމުގެ މަސައްކަތް ދިޔައީ ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ނެޓްވޯކުން ކެމިކަލްތަކާއި އާލާތްތައް ރައްކާކުރުމަށް ފިހާރަތަކެއް ބޭނުންކުރިއިރު، މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރީ ޓެރަސްއެއް ހުންނަ ގެއެކެވެ. ފުލުހުން ބުނި ގޮތުގައި، އެ ނެޓްވޯކުން މަސްތުވާތަކެތި އުފެއްދުމަށް ބޭރު ގައުމުތަކުން ކެމިސްޓުން ގެނައުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ، މަސްތުވާތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ފެށިފައިނުވެއެވެ. ނަމަވެސް އެ ނެޓްވޯކާ ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅުން އޮތް ކަމަށް ބެލެވޭކަން ފުލުހުން ހާމަކުރިއެވެ.

މެލޭޝިއާގެ ނޫސްތަކުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހަކު ވަނީ މެތަމްފެޓަމިންއަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް، އޭގެ ތެރެއިން އެއްވެސް މީހެއްގެ ކުށުގެ ރެކޯޑެއް ނެތް ކަމަށް ފުލުހުން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް