ޑޮކްޓަރުންގެ އިހުމާލުން ފިރިމީހާ މަރުވި މައްސަލައިގައި އަނތްބަކަށް 3.5 ލައްކަ ރިންގިޓްގެ ބަދަލެއް ދޭން މެލޭޝިއާގައި ހުކުމްކޮށްފި

މެލޭޝިއާގެ ކެދާހްގެ ހޮސްޕިޓަލެއްގެ ޑޮކްޓަރުންތަކެއްގެ އިހުމާލުން ފިރިމީހާ މަރުވި މައްސަލައެއް ސާބިތުވެ، އޭނާގެ ހުވަފަތް އަނބިމީހާއަށް ބަދަލުގެ ގޮތުގައި 355،187.50 ރިންގިޓް (ގާތްގަނޑަކަށް 1.2 މިލިއަން ދިވެހި ރުފިޔާ) ދިނުމަށް މެލޭޝިއާގެ ހައިކޯޓުން ހުކުމްކޮށްފިއެވެ.

މެލޭޝިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލޯރް ސެތާރުގެ ހައިކޯޓުން މި ނިންމުން ނިންމާފައިވަނީ ޖުލައި 2021 ގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 46 އަހަރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޝާހް ބާނީ ޝާހިދާން، "ހޮސްޕިޓަލް ސުލްތާނާ ބަހިއްޔާ" ގެ ޑޮކްޓަރުންގެ އިހުމާލުން މަރުވި މައްސަލައިގައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ މަރުވި މީހާގެ އަނބިމީހާ އަޒުރާ މަތު ރާއިސް އެވެ. މި ދައުވާ އޭނާ ރައްދުކުރީ 15 ޑޮކްޓަރަކަށާއި، ހޮސްޕިޓަލުގެ ޑިރެކްޓަރު އަދި މެލޭޝިއާގެ ސަރުކާރުގެ މައްޗަށެވެ.

ކޯޓުގެ ޖުޑީޝަލް ކޮމިޝަނަރު ދާތުކް މުހައްމަދު އައިމީ ޒައިނީ މުހައްމަދު އަޒްހަރު ނެރުއްވި ހުކުމުގައި ބަޔާންކުރައްވާފައިވަނީ، ޝާހް ބާނީގެ މޭކަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ސީރިއަސްކަން ދެނެގަތުމުގައި ޑޮކްޓަރުން ފޭލްވެފައިވާ ކަމަށެވެ. އަދި ސްކޭން ރިޕޯޓްތަކުން ފެންނަން ހުރި މުހިންމު ކަންކަމަށް ސަމާލުކަން ނުދީ، ފަރުވާ ދިނުން ލަސްކުރުމަކީ އޭނާގެ ފުރާނަ ގެއްލުމަށް މެދުވެރިވި މައިގަނޑު ސަބަބު ކަމަށްވެސް ގާޒީ ފާހަގަކުރެއްވިއެވެ.

ރިޕޯޓްތައް ބުނާގޮތުން، 27 ޖުލައި 2021 ގައި ޝާހް ބާނީ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ ހުރީ ހޭހުރެ، އަމިއްލައަށް ވާހަކަދައްކައި ހިނގޭ ހާލަތުގައެވެ. ނަމަވެސް އޭނާ ވަނީ މޭގައާއި ބުރަކަށީގައި ވޭންއަޅާ ކަމުގެ ޝަކުވާ ކޮށްފައެވެ. ފުރަތަމަ ޑޮކްޓަރުން ނިންމީ އޭނާގެ މޭކަށިގަނޑުން ބިނދިފައިވަނީ އެންމެ ދެ ކަށިކޮޅު ކަމަށެވެ.

އެހެންނަމަވެސް، ޖެހިގެން އައި ދުވަހު ހެދި ސީޓީ ސްކޭނުން އޭނާގެ ގިނަ ކަށިތަކެއް ބިނދި، މޭކަށިގަނޑުގެ މެދު ކަށިގަނޑަށް ގެއްލުންވެ، މޭގެ ދެފަރާތަށް ލޭއެޅި، ވާތު ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ވަނީ ހާމަވެފައެވެ. މި ހޯދުންތައް ހޮސްޕިޓަލުގެ އިލެކްޓްރޯނިކް ސިސްޓަމުން ފެންނަން ހުރި ނަމަވެސް، ޑޮކްޓަރުން އެކަމާ ގުޅޭގޮތުން ރޭޑިއޮލޮޖީ ޑިޕާޓްމަންޓާ މަޝްވަރާކޮށްފައިވަނީ އޭގެ ހަތަރު ދުވަސް ފަހުންނެވެ. އެކަށީގެންވާ ފަރުވާ ނުލިބި ހޮސްޕިޓަލުގައި ހަތް ދުވަސް ހޭދަކުރުމަށްފަހު، ޝާހް ބާނީ މަރުވީ ތިނެެއް، އޮގަސްޓް 2021 ގައެވެ.

މި މައްސަލައިގައި ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ، މިއީ އެންމެ ވަކި ކަމެއްގައި ވި އިހުމާލެއް ނޫން ކަމަށާއި، ފުރާނައަށް ނުރައްކާވި ދުވަސްތަކުގައި ޑޮކްޓަރުންގެ ފަރާތުން ފެނިގެންދިޔަ އިހުމާލުތަކެއްގެ ސިލްސިލާއެއް ކަމަށެވެ. އަދި ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ މެދުގައި ގުޅުމެއް ނެތި، ބަލިމީހާގެ ހާލަތު ރަނގަޅު ނުވަނީ ކީއްވެގެންތޯ ބެލުމުގެ ބަދަލުގައި، އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އިލްޒާމް އެޅުވުމަށް ޑޮކްޓަރުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ހޮސްޕިޓަލުގެ މުވައްޒަފުންގެ މި އިހުމާލުގެ ފުރިހަމަ ޒިންމާ ސަރުކާރުން އުފުލަންޖެހޭނެ ކަމަށް ކަނޑައަޅައި، ކޯޓުން ވަނީ އަނބިމީހާއަށް މާލީ ބަދަލު ދިނުމަށް އަމުރުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް