އެއާ އޭޝިއާގެ ދަތުރުތައް އަނެއްކާ ވެސް ރާއްޖެ އަށް ފަށައިފި

އެއާ އޭޝިޔާ

ބަޖެޓް އެއާލައިނެއް ކަމަށްވާ އެއާ އޭޝިއާއިން ރާއްޖެ އަށް އަނެއްކާވެސް ދަތުރުތައް ފަށައިފި އެވެ.

މެލޭޝިއާގެ ކުއާލަމްޕޫރުން އިބްރާހިމް ނާސިރު އިންޓާނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ) އަށް ކުރާ އެދަތުރުތަކުގެ ފުރަތަމަ ފުލައިޓް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާއްޖެ އައިސްފަ އެވެ.

އެއެއާލައިނުން ކުއާލަމްޕޫރާއި ރާއްޖެއާ ދެމެދު ހަފްތާއެކު ތިން ދުވަހު ދަތުރު ކުރުމަށް ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި ހުންނަ އެއާއޭޝިއާގެ ޕެސެންޖަރ ސޭލްސް އޭޖެންޓް އޯލް އެޗް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހަމީދު އަބްދުލްޣަފޫރު (އައްޑޯ) ވިދާޅުވީ، އެއާއޭޝިއާއިން މާލެއާ ކުއަލަލަމްޕޫރާ ދެމެދު ކުރާ ދަތުރުތަކުގެ ޓިކެޓްގެ އަގު އުޅެނީ މާލެއިން ކުއަލަލަމްޕޫރަށް ނަމަ، 350 - 370 އެމެރިކާ ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ކަމަށާއި އެހެން ނަމަވެސް ކުއަލަލަމްޕޫރުން މާލެއަށް ޓިކެޓް ނަގާ ފަރާތްތަކަށް 230 ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭނެ ކަމަށެވެ.

"ޓިކެޓް މިއުޅެނީ ޑައިނަމިކް އަގުތަކެއްގަ. މިހާރުވެސް އެހެން ފްލައިޓްތަކަށް ވުރެ އަގު ހެޔޮވާނެ އިނގޭތޯ. އަޅުގަނޑުމެން ބަލަމުން މިގެންދަނީ މާލެއިން ކުއަލަލަމްޕޫރަށް ޓިކެޓް ބައްލަވައިގަންނަވާ ފަރާތްތަކަށް ވެސް މިހާރަށްވުރެވެސް ހެޔޮ އަގުތަކެއްގައި ޓިކެޓް ހަމަޖެހޭތޯ،" އައްޑޯ ވިދާޅުވިއެވެ.

އެއާއޭޝިއާ އެކްސްގެ ދަތުރުތައް 2013 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެ އަށް ފެށި ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެ އަށް ދަތުރުކުރުން ހުއްޓާލީ އެ އާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތަަކަށް ލިބުނު ތަރުހީބު ކުޑަކަމުން، ކުންފުންޏަށް ގެއްލުންވާތީ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް