ތައި އެއާ އޭޝިއާ ރާއްޖެ އާއި ބެންގްކޮކާ ދެމެދު ދަތުރުތައް ފަށަނީ!

އެއާ އޭޝިއާގެ ފްލައިޓެއް

ރާއްޖެ އާއި ބެންގްކޮކާ ދެމެދު ސީދާ ދަތުރުތައް ކުރުމުގެ ހުއްދަ، ލޯ ކޮސްޓް އެއާލައިން ތައި އެއާ އޭޝިއާއަށް މިއަދު ދީފި އެވެ.

ތައި އެއާ އޭޝިއާއަކީ މެލޭޝިއާގެ އެއާ އޭޝިއާ އާއި ތައިލެންޑުގެ ކުންފުންޏަކާ ގުޅިގެން، ތައިލެންޑުން އޮޕަރޭޓުކުރާ އެއާލައިނެކެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ބުނި ގޮތުގައި، ތައި އެއާ އޭޝިއާ އިން މާލެ އާއި ބެންގްކޮކާ ދެމެދު ސީދާ ދަތުރުކުރުމުގެ ހުއްދަ އެ އޮތޯރިޓީން މިއަދު ދީފައިވެ އެވެ.

ސިވިލް އޭވިއޭޝަނުން ބުނީ، ތައި އެއާ އޭޝިއާ އިން މާލެ އާއި ބެންގްކޮކާ ދެމެދު، އަންނަ ޖުލައި މަހުން ފެށިގެން ދުވާލަކު އެއް ފްލައިޓު ބާއްވާނެ ކަމަށެވެ.

ތައި އެއާ އޭޝިއާ އިން، އެއާބަސް އޭ320 މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ދަތުރުކުރާނީ މާލެއިން ބެންގްކޮކުގެ ޑޮން މުއާންގް އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ތައި އެއާ އޭޝިއާ އިން ރާއްޖެއަށް ދަތުރު ފެށުމުން، ރާއްޖެއާ ތައިލެންޑާ ދެމެދު ދަތުރުކުރާ އެއާލައިންތަކުގެ އަދަދު ތިނަކަށް އަރާނެ އެވެ. އިތުރު އެއާލައިންތަކަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނާއި، ބެންގްކޮކް އެއާވޭޒްއިންނެވެ.

އެއާ އޭޝިއާއަކީ ލޯ ކޮސްޓް އެއާލައިނެއް ކަމުން، ތައި އެއާ އޭޝިއާ އިން މާލެ އާއި ބެންގްކޮކާ ދެމެދު ބާއްވާ ފްލައިޓުތަކުގެ އަގު ވެސް، މާލެއާ ބެންގްކޮކާ ދެމެދު އުދުހޭ އެހެނިހެން އެއާލައިންތަކާ އަޅާ ބަލާއިރު ހެޔޮވާނެ ކަމަށް ބެލެވެ އެވެ.

މީގެ ކުރިން މޯލްޑިވިއަނުން ދަތުރުކުރަމުން ދިޔައީ ބެންގްކޮކުގެ ޑޮން މުއާންގް އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓު ހުންނަނީ ބެންގްކޮކުގެ އުތުރުގެ އަވަށެއްގަ އެވެ. އެހެން ނަމަވެސް މި މަހުން ފެށިގެން މޯލްޑިވިއަން ދަތުރުކުރަނީ ބެންގްކޮކްގެ މައި ބައިނަލްއަގުވާމީ އެއާޕޯޓް، ސުވަނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ބެންގްކޮކް ސިޓީގެ އިރުމަތިން، 25 ކިލޯމީޓަރު ބޭރުގައި، ސަމުޓް ޕްރާކާން ޕްރޮވިންސްގައި އޮންނަ ސުވަނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓު 2006 ވަނަ އަހަރު ހުޅުވުމާ އެކު، ޑޮން މުއާންގް އެއާޕޯޓު ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް އާ އެއާޕޯޓުގައި ދަތިތައް ދިމާވާ ފަހަރުތަކުގައި ޑޮން މުއާންގް އެއާޕޯޓު ހުޅުވަ އެވެ.

ބޮޑުވަޒީރު ޔިންގްލަކް ޝިނަވަތުރާގެ ސަރުކާރުގައި، ބެންގްކޮކަށް ދަތުރުކުރާ ބަޖެޓު އެއާލައިންތަކާއި ޗާޓަރު ފްލައިޓުތައް ޑޮން މުއާންގް އެއާޕޯޓަށް ދަތުރުކުރުމަށް އެންގުމާ އެކު، ބެންގްކޮކަށް ދެ އެއާޕޯޓުގެ ޚިދުމަތް ރަސްމީކޮށް ލިބެން ފެށި އެވެ. އޭރުގެ ސަރުކާރުގެ މި ސިޔާސަތާ ގުޅިގެން ސުވަނަބޫމީ އެއާޕޯޓަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުވި އެވެ.

ތައިލެންޑުގެ ސަރުކާރުން މިހާރު ދަނީ ޑޮން މުއަންގް އެއާޕޯޓު މަރާމާތުކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި އަހަރުގެ މިހާތަނަށް ތައިލެންޑުން ރާއްޖެއަށް 5،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ތައިލެންޑުން ރާއްޖެއަށް 16،451 ފަތުރުވެރިއަކު ޒިޔާރަތް ކުރިއެވެ.

ތައިލެންޑަކީ ޗުއްޓީއަށާއި ބޭސްފަރުވާއަށް އަދި ބާޒާރުކުރުމަށް ދިވެހީންގެ މެދުގައި ވެސް މަގުބޫލު މަންޒިލެކެވެ.

comment ކޮމެންޓް