މެލޭޝިއާގެ ކުއަލަލަމްޕޫރާ މާލެއާ ދެމެދު އެއާ އޭޝިއާއިން ކުރާ ދަތުރުތައް އިތުރު ކުރުމުގެ ގޮތުން އެ އެއާލައިނުން އިތުރު ބޯޓެއް މެދުވެރިކޮށް ދަތުރުކުރަން ފަށައިފިއެވެ.
އެއާ އޭޝިއާއިން މާލެ-ކުއަލަލަމްޕޫރު ރޫޓަށް އިތުރު ކުރީ އެއާބަސް އޭ330 މަރުކާރުގެ ބޯޓެކެވެ. އެ ބޯޓުގައި ޖުމްލަ 377 ގޮނޑި ހުންނަ އިރު އޭގެ ތެރޭގައި 12 ޕްރެމިއަމް ބެޑް ހުރެ އެވެ. މި ބޯޓާ އެކު، ޚާއްސަ ފެއާ އެއްގެ ދަށުން މާލެ - ކުއަލަލަމްޕޫރު އަދި ކުއަލަލަމްޕޫރު - މާލެ ދަތުރުތަކުގެ އަގު އުޅޭނީ ކޮޅަކަށް 137 ޑޮލަރަށެވެ.
އެއާ އޭޝިއާއިން ބުނި ގޮތުގައި އިތުރު ބޯޓެއް އެރޫޓަށް އިތުރު ކުރީ އެ ދެމަންޒިލަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެންނެވެ. އަދި އެ ބޯޓުގެ ދަތުރުތައް ކުރާނީ އެއްމަސްދުވަހަށް ކަމަށާއި ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިމަހުގެ 23 ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ.
އޭ 330 މަރުކާގެ ބޯޓު ދަތުރު ކުރާނީ މިމަހުގެ 19 އިން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެއާ އޭޝިއާއިން މިހާރުވެސް ކުއާލަމްޕޫރާއި ރާއްޖެއާ ދެމެދު ހަފްތާއެކު ތިން ދުވަހު ދަތުރު ކުރެ އެވެ.