އީގަލްސްއާއި މާޒިޔާގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ފޮޓޯ/ މާޒިޔާ

އެކާވީސް އަހަރުންދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ޔޫތު ޗެމްޕިއަންޝިޕްގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އީގަލްސްއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު އީގަލްސްއާއި މާޒިޔާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ މާޒިޔާއިންނެވެ. މެޗު ފެށިތާ މިނެޓެއް ފަހުން، މާޒިޔާއިން އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކީޕަރު މުހައްމަދު އަޝްވާނެވެ. އެ ހަމަލާއަށްފަހު ވެސް މާޒިޔާއިން އީގަލްސްގެ ޕެނަލްޓި އޭރިއާ ތެރެއިން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. އެ ހަމަލާވެސް އީގަލްސްގެ ކީޕަރު އަޝްވާން ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު އީގަލްސްއިން ފެށީ ވަރަށް ވަރުގަދަ ކުޅުމަކާއެކުއެވެ. ނަމަވެސް މާޒިޔާގެ ގޯލު ބަލަހައްޓަމުންދިޔަ ގައުމީ ސީނިއާ ފުޓްބޯޅަ ޓީމު އަދި މާޒިޔާގެ ސީނިއާ ޓީމުގެ ބަދަލު ކީޕަރު ހުސައިން ޝަރީފް ބަލަހައްޓަމުންދިޔަ ގޯލުގެ ތެރެއަށް އީގަލްސްއަށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ. މުބާރާތުގައި މާޒިޔާގެ ކެޕްޓަންގެ ދައުރު އަދާކުރަމުންދަނީ ވެސް ކީޕަރު ހުސައިންއެވެ.

އެ މެޗަށް ނުކުތުމުގެ ކުރިން މުބާރާތުގައި އީގަލްސް އަދި މާޒިޔާއިން ވެސް ކުޅުނު ފުރަތަމަ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި ގދ. ތިނަދޫ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި އިރު، މާޒިޔާއިން ވަނީ 3-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން މޮޅުވެފައެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 8:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔޫވީއާއި ތިނަދޫއެވެ.

މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެކެވެ. އެއީ ކްލަބް އީގަލްސްއާއި، ޔުނައިޓެޑް ވިކްޓަރީއާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ގދ. ތިނަދޫއެވެ. މިއަހަރުގެ މުބާރާތުގައި ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން މުބާރާތުގައި ބައިވެރިފައެއް ނުވެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ރަނަރަފް ޓީސީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި ކްލަބު ވެލެންސިއާ ހިމެނެއެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިއަހަރު ހަތަރު ޓީމު ބައިވެރިވެފައިވުމުން، އެފްއޭއެމުން މުބާރާތުގެ އޮނިގަނޑު ރާވާފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

އެފްއޭއެމްއިން 2011 ވަނަ އަހަރު ބާއްވަން ފެށި އެ މުބާރާތް މެދުނުކެނޑި 2014 ވަނަ އަހަރުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު މުބާރާތް ދެން ބާއްވާފައިވަނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ޓީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އީގަލްސްއެވެ.

comment ކޮމެންޓް