ޓީސީ ބަލިކޮށް، މާޒިޔާއިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް

ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ގޯލު ޖެހުމަށްފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ މާޒިޔާ

އެމްޑަބްލިޔުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ލީގު މެޗުގައި މާޒިޔާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، އެޓީމުން ޓީސީގެ މައްޗަށް ކުރި ހޯދީ ފަސޭހަކަމާއެކު 4-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ 25 ވަނަ މިނެޓުގެ ތެރޭގައި މާޒިޔާ އިން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި މާޒިޔާއަށް ވޮޖިސްލާވް ބަލަބަނޮވިޗް ލީޑު ހޯދައިދިން އިރު، މެޗުގެ 16 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ އިބްރާހިމް އައިސަމްއެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި މާޒިޔާއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

އެ މެޗުގެ ދެވަނަ ހާފުގައި ޓީސީން ޑިފެންސް ރަނގަޅުކުރުމަށް މަސައްކަތްކޮށްފައިވީ ނަމަވެސް، މާޒިޔާ އިން ވަނީ އެ ހާފުގައި ވެސް ގޯލެއް ޖަހައިފައެވެ. މެޗުގެ 76 ވަނަ މިނެޓުގައި މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ބަލަބަނޮވިޗްއެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އިން އެ މޮޅާއެކު ލީގު ތާވަލުގެ އެއްވަނައަށް ޖެހިލީ 13 މެޗުން ހޯދި 37 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އީގަލްސް އާއި މާޒިޔާއާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. ލީގުގައި ބާކީ އެންމެ މެޗެއް އޮތް އިރު، އެ މެޗުން ލީގު ޗެމްޕިއަންކަން ކަށަވަރުވެގެންދާނެއެވެ. އަންނަ އަންގާރަ ދުވަހު ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ އާއި ދެވަނައިގައި އޮތް އީގަލްސްއެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް މާޒިޔާއަށް ޗެމްޕިއަންކަން ހޯދެން އޮތް އިރު، އެއީ އީގަލްސްއަށް މޮޅުވުން މަޖުބޫރު މެޗެކެވެ.

comment ކޮމެންޓް