މާޒިޔާއިން މޮޅަކުން އޭއެފްސީ ކަޕް ނިންމާލައިފި

އޭއެފްސީ ކަޕްގައި މޯހަން ބަގާން ކޮޅަށް ގޯލު ޖެހުމަށްފަހު މާޒިޔާގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އުފާފާޅުކުރަނީ -- ފޮޓޯ/ މާޒިޔާ

އިންޑިއާގެ މޯހަން ބަގާން އަތުން ހޯދި މޮޅަށްފަހު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މި އަހަރުގެ އޭއެފްސީ ކަޕް ނިންމާލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި މާޒިޔާއިން މޯހަން ބަގާންގެ މައްޗަށް ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ ގުޅިގެން މޯހަން ބަގާންއަށް ގްރޫޕުގެ އެއްވަނަ ހޯދުމަށް އޮތް ފުރުސަތު ބަންދުވި އިރު، މާޒިޔާއަށް މެޗުގެ ކުރިން ވެސް އޮތީ އެ ފުރުސަތު ގެއްލިފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ނުރައްކާ ފެނުނު އިރު، އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އަލީ ފާސިރު (ސެންޓޭ) އަށެވެ. އޭނާ ފޮނުވާލި ހަމަލާ، މޯހަން ބަގާންގެ ކީޕަރު އަންޝް އަންވަރު ޝެއިހް ވަނީ މަތަކޮށްފައެވެ. މޯހަން ބަގާންގެ އެންމެ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ ނިންގޮމްބާ އެންސޮން ސިންހް ފޮނުވާލި ހަމަލާއެވެ. އޭނާގެ ހަމަލާ އަމާޒުވީ މާޒިޔާ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެވަނަ ހާފުގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ މާޒިޔާއިން ގޯލު ޖަހާފައިވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މާޒިޔާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

އޭއެފްސީ ކަޕްގެ "ގްރޫޕު ޑީ"ގެ އެއްވަނަ ހޯދައި، ދެވަނަ ބުރުން ފުރުސަތު ހޯދާފައިވަނީ އިންޑިއާގެ އޮޑިޝާ އެފްސީންނެވެ. އޮޑިޝާއަށް ގްރޫޕުގެ އެއްވަނަ ލިބިގެންދިޔައީ އިންޑިއާގައި މިއަދު ކުޅުނު މެޗުގައި 1-0ގެ ނަތީޖާއަކުން ބަންގުލަދޭޝްގެ ބަޝުންދަރަ ކިންގްސް ބަލިކޮށްގެންނެވެ.

އެ މޮޅާ އެކު އޮޑިޝާއަށް ވަނީ ހަ މެޗުން 12 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ބަޝުންދަރައަށް ހަ މެޗުން ދިހަ ޕޮއިންޓް ލިބުނު އިރު، ތިންވަނައިގައި ނިންމާލި މޯހަން ބަގާންއަށް ހަ މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި މާޒިޔާއަށް ހަ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.

comment ކޮމެންޓް