ޔޫވީ އަތުން މާޒިޔާއަށް ފަސޭހަ މޮޅެއް

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 3-0 ގެ ނަތީޖާއަކުން --- ފޮޓޯ/ މާޒިޔާ

އެކާވީސް އަހަރުންދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ޔޫތު ޗެމްޕިއަންޝިޕްގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ޔޫތު ޗެމްޕިއަންޝިޕްގެ މެޗުގައި ޔޫވީ އަތުން މާޒިޔާ މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ދެ ލަނޑު ކާމިޔާބުކުރިއެވެ. މެޗުގެ ނުވަވަނަ މިނެޓުގައި މާޒިޔާއަށް އިރުފާން އާދަމް ނަސީރު ލީޑު ހޯދައިދިން އިރު، އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ފުވާދެވެ. މެޗުގެ 61 ވަނަ މިނެޓުގައި މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އަތީގު ހަސަނެވެ.

އެ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ އެންމެ ފަހުގެ ޗެމްޕިއަން އީގަލްސްއިން ވަނީ މޮޅެއް ހޯދައިފައެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި އީގަލްސްއިން ވަނީ 1-0 ގެ ނަތީޖާއަކުން ގދ. ތިނަދޫ އަތުން މޮޅުވެފައެވެ.

އެ މުބާރާތުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. އަންނަ ހޯމަ ދުވަހުގެ 15:50ގައި ކުޅޭ މެޗުގައި އީގަލްސްއާއި މާޒިޔާ ބައްދަލުކުރާ އިރު، އެ ދުވަހުގެ 20:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގދ. ތިނަދުއާއި ޔޫވީއެވެ.

މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެކެވެ. އެއީ ކްލަބް އީގަލްސްއާއި، ޔުނައިޓެޑް ވިކްޓަރީއާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އިތުރުން ގދ. ތިނަދޫއެވެ. މިއަހަރުގެ މުބާރާތުގައި ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން މުބާރާތުގައި ބައިވެރިފައެއް ނުވެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ރަނަރަފް ޓީސީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި ކްލަބު ވެލެންސިއާ ހިމެނެއެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މިއަހަރު ހަތަރު ޓީމު ބައިވެރިވެފައިވުމުން، އެފްއޭއެމުން މުބާރާތުގެ އޮނިގަނޑު ރާވާފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

އެފްއޭއެމްއިން 2011 ވަނަ އަހަރު ބާއްވަން ފެށި އެ މުބާރާތް މެދުނުކެނޑި 2014 ވަނަ އަހަރުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު މުބާރާތް ދެން ބާއްވާފައިވަނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ޓީސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އީގަލްސްއެވެ.

comment ކޮމެންޓް