ތިންވަނަ ޑިވިޝަންގެ ފައިނަލުގެ ޖާގަތައް ސިފައިންނާއި ސީ ލައިފަށް

ތިންވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލްގައި ޕޮލިސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މުބާރާތުގެ ފައިނަލުގެ ޖާގަތައް ހޯދާފައިވަނީ ސިފައިންނާއި ސީ ލައިފް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ތިންވަނަ ޑިވިޝަންގެ ފައިނަލުގެ ޖާގަތައް ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި ސީ ލައިފް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

އެ މުބާރާތުގެ ފައިނަލުގެ ޖާގަތައް ސިފައިންނާއި ސީ ލައިފުން ހޯދީ ގައުމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ކުޅުނު ސެމީ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

އިއްޔެ ހަވީރު ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ސިފައިން ވަނީ ފަސޭހަކަމާއެކު ލިނިއޭޖް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިފައެވެ. އެ މެޗުން ސިފައިން މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ހަތްވަނަ މިނެޓުގައި ސިފައިންނަށް ލީޑު ހޯދައިދިނީ އަހްމަދު މުނީރެވެ. ސިފައިންގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާދުﷲ އެވެ. އޭނާގެ ލަނޑުތައް ފެނިގެންދިޔައީ މެޗުގެ 16 ވަނަ މިނެޓާއި 23 ވަނަ މިނެޓުގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ސިފައިން ކުރީގައި އޮވެގެންނެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ސިފައިންގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ތަސްނީމެވެ. އަދި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، ސިފައިންގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މުނީރެވެ.

ސެމީގެ ދެވަނަ މެޗުގައި ބުރު ސްޕޯޓްސްގެ މައްޗަށް ސީ ލައިފުން ވަނީ ކުރި ހޯދައިފައެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން ޖެހި ޕެނަލްޓީ ޝޫޓް އައުޓުން ސީ ލައިފް މޮޅުވެފައިވަނީ 3-4 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ދެ ޓީމުން ކާމިޔާބުކުރި ލަނޑުތައް ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގެ ތެރޭގައެވެ. ކައިރިކައިރީގައި ސީ ލައިފްގެ އަޑެޔަންޖޫ ރަޝީދު އޮމަކެފޭ ދެ ލަނޑު ކާމިޔާބުކޮށްދިން ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން ވަނީ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 79 ވަނަ މިނެޓުގައި ބުރު ސްޕޯޓްސް ކްލަބުގެ ފުރަތަމަ ލަނޑު އިލޯ ކޮހޭ ކާމިޔާބުކޮށްދިން އިރު، މެޗުގެ 82 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ތަސްނީމެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި ބުރު ސްޕޯޓްސް ކްލަބުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ވުޖޮވިޗް ލަޑާން ސާޕްސްކޯއާއި، އިލޯ ކެހޭ އަދި އިސްމާއީލް ހުސައިނެވެ. ސީ ލައިފްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މުހައްމަދު އަޔާޒާއި، ސިމްޕްސަން ކޭތީ އެންތޮނީއާއި، އަޑެޔަންޖޫ ރަޝީދު އޮމަކެފޭ އަދި ނަކަގައިޓޯ ޔޫޓާއެވެ.

ތިންވަނަ ޑިވިޝަންގެ ފައިނަލުގައި ސިފައިންނާއި ސީ ލައިފް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ 15:50 ގައެވެ. އެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

comment ކޮމެންޓް