ޖަޕާނު އަތުން ބްރެޒިލް ބަލިވުމާއެކު ކޯޗު އެންޗެލޮޓީ ވަކިކުރަން ގޮވާލާ އަޑުތައް ގަދަވެއްޖެ

ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކާލޯ އެންޗެލޮޓީ--

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ޖަޕާން އަތުން 3-2 އިން ބްރެޒިލް ބަލިވުމާ ގުޅިގެން ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކާލޯ އެންޗެލޮޓީ ވަގުތުން މަގާމުން ވަކިކުރުމަށް އެ ގައުމުގެ ކުރީގެ މަޝްހޫރު ފޯވާޑް ރޮމާރިއޯ ގޮވާލައިފިއެވެ.

ހޮނިހިރު ދުވަހު ސިންގަޕޫރުގައި ކުޅުނު މި މެޗުން ބްރެޒިލް ބަލިވުމާއެކު 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ރޮމާރިއޯ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވަނީ އެންޗެލޮޓީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

"އެންޗެލޮޓީ، ދެން ފުދިއްޖެ! ފޮށިތަންމަތި ބަނދެގެން މިތަނުން ނުކުމޭ! ތިއީ ދުނިޔޭގެ ފުޓްބޯޅަ ދުށް އެންމެ މޮޅު އެއް ކޯޗު. އެކަމަކު އެއީ ކްލަބް ލެވެލްގައި. ބްރެޒިލްގެ ގައުމީ ޓީމާއެކު އަދިވެސް އެއްވެސް ނަތީޖާއެއް ނުދެއްކޭ. އަހަރެމެންނަކަށް ދެން އިތުރަކަށް ކެތެއް ނުކުރެވޭނެ" ރުޅިގަދަވެފައި ހުރި ރޮމާރިއޯ ބުނެފައިވެއެވެ.

މީގެ އިތުރުން، ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް) ގެ ރައީސަށްވެސް ރޮމާރިއޯ ވަނީ ފާޑުކިޔާފައެވެ. އެގޮތުން ހިތްވަރު ހުރިނަމަ އެންޗެލޮޓީގެ ކޮންޓްރެކްޓް ވަގުތުން އުވާލުމަށާއި ޓީމު އިތުރު ނާކާމިޔާބީތަކަކަށް ވެއްޓުނަ ނުދިނުމަށް އޭނާ ވަނީ ސީބީއެފްއަށް ގޮވާލާފައެވެ.

ސިންގަޕޫރުގައި ކުޅުނު މި މެޗުގެ ފުރަތަމަ 19 މިނެޓުގެ ތެރޭގައި ޖަޕާނުން ވަނީ ޓަކެފޫސާ ކޫބޯ އާއި ކެއިޓޯ ނަކަމޫރާގެ ލަނޑުތަކުން ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ނަމަވެސް ވިނީޝިއުސް ޖޫނިއާ ޖަހައިދިން ދެ ލަނޑާއެކު ބްރެޒިލުން ނަތީޖާ ހަމަހަމަކުރި ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޓަޓްސުހީރޯ ސަކަމޯޓޯ ކާމިޔާބުކުރި ލަނޑާއެކު ޖަޕާނުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

ޖަޕާނުގެ ފަހު ލަނޑުގެ ކުރިން ބްރެޒިލްގެ ބްރޫނޯ ގިމަރޭސްއަށް ފައުލްކުރި ކަމަށް ބުނެ ބެންޗުން ކުރި އިހުތިޖާޖުތަކާ ގުޅިގެން ރެފްރީ ވަނީ ކޯޗު އެންޗެލޮޓީއަށާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބެންޗުގައި އިން ރަފީނިއާއަށް ސީދާ ރަތް ކާޑު ދައްކާފައެވެ.

ނިމިދިޔަ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ނޯވޭ އަތުން ބަލިވެ ބްރެޒިލް މުބާރާތުން ކެޓި ހިސާބުން ފެށިގެންވެސް އެންޗެލޮޓީއަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފައެވެ. އެ ނާކާމިޔާބީއަށްފަހުވެސް ސީބީއެފްއިން 2030 ވަނަ އަހަރާ ހަމައަށް އެންޗެލޮޓީގެ ކޮންޓްރެކްޓް އާކުރަން ނިންމި ނިންމުމަށް ބްރެޒިލްގެ ކުރީގެ ކުޅުންތެރިންނާއި ކުޅިވަރު ތަޖުރިބާކާރުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

comment ކޮމެންޓް