ވޭލްސްއަށް ކޯޗުކޮށްދޭން ގިގްސް ޝައުގުވެރިވޭ!

ރަޔާން ގިގްސް ވަނީ، ވޭލްސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް ޝައުގުވެރިވާކަން ހާމަކޮށްފައި -- ފޮޓޯ: ގެޓީ

ވޭލްސްގެ ކޯޗުކަމުގެ މަގާމަށް ޝައުގުވެރިވާކަމަށް، މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ވިންގަރ، ރަޔާން ގިގްސް ބުނެފިއެވެ.

ވޭލްސްގެ ކޯޗުގެ މަގާމުގައި ހުރި ކްރިސް ކޯލްމަން ވަނީ ނޮވެމްބަރު 17 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދީފައެވެ. އެހެންކަމުން ވޭލްސްގެ ފުޓްބޯލް އެސޯސިއޭޝަނުން ވަނީ، އަންނަ ޖެނުއަރީ 24ގައި، ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ނޭޝަނަލް ލީގުގެ ގުރު ނެގުމުގެ ކުރިން ކޯޗެއް ހޯދުމަށް އިއުލާނުކޮށްފައެވެ.

ގިގްސްގެ އިތުރުން ވޭލްސްގެ ކޯޗުކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި، ގައުމީ ޓީމުގައި ކޯލްމަންގެ އެސިސްޓެންޓަކަށް ހުރި އޯސިއަން ރޮބާޓްސްއާއި ގިގްސްއާއެކު ކުރިން ވޭލްސްގެ ގައުމީ ޓީމަށް ކުޅުނު، ޖޯން ހާޓްސަން ހިމެނެއެވެ.

"އަހަރެން ޝައުގުވެރިކަން އެބަހުރި،" 1991އިން 2007އާ ހަމައަށް ވޭލްސްގެ ގައުމީ ޓީމަށް 64 މެޗު ކުޅެ، 12 ލަނޑު ޖަހައިދީފައިވާ ގިގްސް ބުންޏެވެ.

ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ގިގްސް ބުނީ، އޭނާއަކީ ވޭލްސްގެ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެއް ކަމަށާއި، އަދި ރިޓަޔާ ކުރުމަށް ފަހު، ގައުމީ ޓީމަށް ކޯޗުކޮށްދޭން ޝައުގުވެރިވާކަން ކުރިންވެސް ހާމަކޮށްފައި ވާނޭކަމަށެވެ.

"އަހަރެން މިވަގުތު އަދި އެއްވެސް ފަރާތަކާ މިކަމާގުޅޭ ގޮތުން މަޝްވަރާއެއް ނުކުރަން. އެހެން ނަމަވެސް އަހަރެން ހަމަ ހަގީގަތުގަވެސް އެކަމަށް ޝައުގުވެރިވޭ،" މެންޗެސްޓާ ޔުނައިޓެޑަށް ވެސް ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ އެޓީމުގެ ލެޖެންޑު ބުންޏެވެ.

ޔުނައިޓެޑްގެ ކުރީގެ ކޯޗު ލުއިސް ވެންހާލްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ކުރީން ގިގްސް ވަނީ، 2014 ވަނަ އަހަރު، ހަތަރު މެޗެއްގައި ޔުނައިޓެޑްގެ ވަގުތީ ކޯޗުގެ މަގާމުވެސް އަދާކޮށްފައެވެ.

comment ކޮމެންޓް