ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ލީލްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، މުބާރާތުގެ ފަހު 16 ޓީމުގެ ބުރުން ލިވަޕޫލް ޖާގަހޯދައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ.
މެޗުގެ ކުރީކޮޅު ލީލްއިން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ ލިވަޕޫލް ރަނގަޅަށް ކުޅެގަތަނުދީ ހިފަހައްޓާފައެވެ. ނަމަވެސް، އެކަން އެ ޓީމަށް ކުރެވޭގޮތްވީ 34 ވަނަ މިނެޓާ ހަމައަށެވެ.
ލިވަޕޫލުން ވަނީ މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ލީޑު ނަގައިފައެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. މި ލަނޑާ އެކު ދެން ފެނުނީ ލިވަޕޫލުން އެ ޓީމުގެ މޮޅު ކުޅުން ދައްކާ މެޗުގެ ކޮންޓްރޯލް އަތުލިތަނެވެ.
އިތުރު ލަނޑެއް ފެނުމުގެ ކުރިން ލީލްގެ އައިސާ މަންޑީއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދެއްކިއެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ދެއްކި މި ކާޑާ އެކު މެޗުގެ ބާކީ ބައި ލީލްއިން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެެވެ. ނަމަވެސް، އެއް ކުޅުންތެރިއެއް މަދުވިތާ ތިން މިނެޓްގެ ތެރޭގައި ލީލްއިން ވަނީ އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑާ އެކު ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޮނަތަން ޑޭވިޑެވެ.
ނަމަވެސް، ލީލްއަށް މި ނަތީޖާގައި ހިފަހައްޓާ ލެވުނީ ފަސް މިނެޓް ވަންދެނެވެ. ލިވަޕޫލުން ވަނީ މެޗުގެ 67 ވަނަ މިނެޓުގައި ހާވީ އެލިއޮޓް ކާމިޔާބުކޮށްދިން ލަނޑުން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގައިފައެވެ.
މި ކާމިޔާބީއާ އެކު ލިވަޕޫލުން ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކޮށް ފަހު 16 ޓީމުގެ ބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ. އެއީ، 21 ޕޮއިންޓާއެކުއެވެ.
މި ބުރުގެ ގުރުއަތުލުމުގައި ލިވަޕޫލް ވެގެންދާނީ ސީޑް ކުރެވޭ ޓީމުތަކުގެ ތެރޭގައެވެ. ލީލް އޮތީ 13 ޕޮއިންޓާ އެކު 11 ވަނައިގައެވެ. މުބާރާތުގައި ޔުވެންޓަސްއާއި ކްލަބް ބްރޫޖް ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި ނިމުނީ އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު ޔޫވޭ 12 ޕޮއިންޓާ އެކު 14 ވަނައިގައި އުޅޭއިރު ބްރޫޖް އޮތީ 11 ޕޮއިންޓާ އެކު 17 ވަނައިގައެވެ.