ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އެފްސީ ބާސެލޯނާއިން ފަހަތުން އަރައި ބެންފިކާ ބަލިކޮށްފިއެވެ.
ބެންފީކާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކޮށްފައިވަނީ 5-4 އިންނެވެ.
މެޗުގެ ދެވަނަ މިނެޓުގައި ބެންފީކާއިން ވަނީ ލީޑު ނަގައިފައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ ފޯވަޑް ވެންޖެލިސް ޕަވްލީޑިސްއެވެ. ނަމަވެސް، މި ލަނޑު ޖެހިތާ 11 މިނެޓް ފަހުން ބާސާއަށް ލިބުނު ޕެނަލްޓީއަކުން ރޮބަޓް ލެވަންޑޯސްކީ ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އެކަމަކު، ދެން ފެނުނީ ބެންފީކާއިން ގާތް ގާތުގައި ކާމިޔާބުކުރި ދެ ލަނޑާ އެކު މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގި ތަނެވެ. މި ދެ ލަނޑު މެޗުގެ 22 ވަނަ މިނެޓާއި 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ޕަވްލީޑިސް ވަނީ މެޗުގައި ހެޓްރިކެއް ވެސް ހަދައިފައެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ރަފީނިއާ ބާސާގެ ދެވަނަ ލަނޑު ޖަހައިދީ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކުރި ނަމަވެސް ރޮނާލްޑް އަރައުހޯ އަތުން ބައިކޮޅަށް ވަން ލަނޑަކާ އެކު އަނެއްކާ ވެސް ބެންފީކާއަށް ދެ ލަނޑުގެ ލީޑު ލިބުނެވެ.
މެޗުގައި ބާސާގެ ތިންވަނަ ލަނޑު ޖަހައިދިނީ 78 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީން ލެވަންޑޯސްކީއެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް މެޗުގެ ނަތީޖާ ބާސާއަށް ހަމަހަމަކޮށްދިނީ އެރިކް ގާސިއާއެވެ. މެޗުން ބާސާ މޮޅުވި ލަނޑު، އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަފީނިއާއެވެ. މި ލަނޑު ކާމިޔާބުކުރިތާ ދެ މިނެޓް ފަހުން ބެންފީކާގެ އާތާ ކަބްރާލަށް ވަނީ ރަތް ކާޑެއް ވެސް ދައްކާފައެވެ.
މި ކާމިޔާބީއާ އެކު ބާސާ މިހާރުވަނީ ހަތް މެޗުން ލިބިފައިވާ 18 ޕޮއިންޓާ އެކު ދެވަނައަށް ކުރިއަށް ޖެހިލައި، ފަހު 16 ޓީމުގެ ބުރުގެ ޖާގައެއް ކަށަވަރުވުމާ ގާތަށް ޖެހިލައިފައެވެ. ބެންފީކާ އޮތީ 10 ޕޮއިންޓާ އެކު 18 ވަނައިގައެވެ.
މުބާރާތުގައި ބޮލޯނިއާއާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 2-1 އިން ކާމިޔާބުކޮށްފައިވަނި ބޮލޯނިއާއެވެ. މިއީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ބޮލޯނިއާ މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ސާހޫ ގިރާސީ ޑޯޓްމުންޑަށް ލީޑު ނަގައިދިން ނަމަވެސް ބޮލޯނިއާއިން ވަނީ ދެވަނަ ހާފުގައި ތީސް ޑަލިންގާއާއި ސެމިއުލް އިލިން ޖޫނިއާ ކާމިޔާބުކޮށްދިން ދެ ލަނޑުން މި މެޗު ކާމިޔާބުކޮށްފައެވެ.
މި ކާމިޔާބީއާ އެކު ބޮލޯނިއާ މިހާރު އޮތީ ފަސް ޕޮއިންޓާ އެކު 27 ވަނައިގައެވެ. ޑޯޓްމުންޑް އޮތީ 12 ޕޮއިންޓާ އެކު 13 ވަނައިގައެވެ.