ރާއްޖެއަށް އަންނަ ހެޔޮ ބަދަލުތައް ފެނި އަވަށްޓެރި ގައުމުތަކުން ހަސަދަވެރިވޭ: ރިޔާޒު

ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ރާއްޖެއަށް އަންނަ ހެޔޮ ބަދަލުތައް ފެނި އަވަށްޓެރި ގައުމުތަކުން ހަސަދަވެރިވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރިޔާޒު ވިދާޅުވީ އަވަށްޓެރި ގައުމުތަކުން ރާއްޖެއާ މެދު ހަސަދަވެރި ވަނީ އެ ގައުމުތަކުގެ ވިޔަފާރިތަކަށް ވަންނަ ފައިސާ މަދުވާނެތީ ކަމަށެވެ.

"މި ގައުމު މިއަދު މިދާ ކުރިއެރުން. މިއަންނަ ހެޔޮ ބަދަލުތައް ދެކެފަ ހަމަ ކުރިން އަޅުގަނޑު މިދެންނެވި ގޮތަށް އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކުން ހަސަދަވެރިވޭ. ކީއްވެގެންތޯ. އެމީހުންގެ ވިޔަފާރިތައް މި ގެއްލެނީ. ކަންބޮޑުވާނެ ނޫންތޯ. އަޅުގަނޑުމެންގެ މި ދަރުމަވަންތަ ހޮސްޕިޓަލް އައިމަ މިތާ ކައިރި ހުރި ގައުމުތަކަށް އަޅުގަނޑުމެން މިދަނީ ބޭސްފަރުވާ ކުރަން. މިލިއަނުން މިލިއަނުން ޑޮލަރު ހަފްތާއަކުން މަހަކުން އެ ގައުމުތަކަށް ދޭ. އެ ހުއްޓޭ ކަމަށް ވާނަމަ އެމީހުން ކަންބޮޑުވާނެ،" ރިޔާޒު ވިދާޅުވިއެވެ.

ރާއްޖެ ތަރައްގީވުމަށް އަވަށްޓެރި ގައުމުތަކުން ބޭނުންނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ޗައިނާ ސަރުކާރުން ރާއްޖެއަށް ދިން އެހީތެރިކަމަށް ވުރެ ބޮޑު އެހީތެރިކަމެއް ދިން ގައުމެއް މުޅި ދުނިޔޭގައި ވެސް ނެތް ކަމަށާއި ޕީޕިއެމް އިން ޗައިނާއަށް ތާއީދު ކުރަނީ އެހެންވެ ކަމަށެވެ.

"މުޅި އަޅުގަނޑުމެންގެ މާޒީއަށް ބެލިކަމުގައި ވިޔަސް، މިދިޔަ ކުރު މުއްދަތުގެ ތެރޭގައި ޗައިނާވީ ވަރުގެ އެހީތެރިކަން ފޯރުކޮށްދިން އެއްވެސް ގައުމެއް މި ދުނިޔޭގެ، މި އުޑުދަށަކު ނެތޭ. އެހެންވެގެނޭ އަޅުގަނޑުމެން ޗައިނާ އަށް ތާއީދު ކުރަނީ. އެމީހުން ދޮންވީމަކަ ނޫނޭ އިނގޭތޯ. އެމީހުން އިޚްލާސްތެރިވީމަ އިނގޭތޯ. އެމީހުންނަކީ އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަ ބައެއް ވީމަ އެކަން ކުރަނީ،" ރިޔާޒު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރިޔާޒު ވަނީ ނުސީދާކޮށް އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފްގެ ދެކަނބަލުންނާ އެކު

އޭނާ ވިދާޅުވީ ރާއްޖޭގައި ހުންނަވާ ބޮޑު ގައުމެއްގެ ސަފީރަކު ކައުންސިލްތަކުގެ މެމްބަރުންނާ ބައްދަލުކޮށް ކައުންސިލްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން އަންނަ ކަމަށާއި ނަމަވެސް އެއީ ސަފީރުގެ މަސްއޫލިއްޔަތެއް ނޫން ކަމަށެވެ.

ރިޔާޒު އެހެން ވިދާޅުވެފައި މިވަނީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކާ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ބައްދަލުކުރައްވަމުން ގެންދަވާ ދުވަސްވަރެއްގައެވެ.

އިންޑިއާ ސަފީރު ދާދިފަހުން ވަނީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފާއި އޭނާގެ އަނބިކަނބަލުންނާ ބައްދަލުކުރައްވާފައެވެ. އަދި ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

އޭގެއިތުރުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފްގެ ދެކަނބަލުންނާ ވެސް އަކިލޭޝް މިޝްރާ ވަނީ ބައްދަލުކުރައްވާފައެވެ.

ހދ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފާއި އެކައުންސިލްގެ މެމްބަރުންގެ އިތުރުން އއ. އުކުޅަހާއި ގއ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ ވެސް ސަފީރު ވަނީ ބައްދަލުކުރައްވާފައެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހދ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފާ އެކު

އެ ހުރިހާ ކައުންސިލަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ.

ރިޔާޒު ވިދާޅުވީ "ބޮޑު ގައުމެއްގެ ސަފީރު" ކައުންސިލަރުންނާ ބައްދަލުކޮށް ކައުންސިލްތައް ހިނގާ ނުހިނގާގޮތް ބެލިނަމަވެސް ރާއްޖެއިން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެފަދަ ކަމެއް ނުކުރައްވާ ކަމަށެވެ.

"އެތާ ހުންނަ ސަފީރެއް ކައުންސިލްގެ މެމްބަރުންނާ ބައްދަލުކޮށް، ކައުންސިލްތައް ހިނގާ ނުހިނގާގޮތް ބަލައި އެމީހުންނަށް އެކަން ބަރާބަރަށް ނުބެލެހެއްޓޭތީ އާއި އެލްޖީއޭގެ މަސްއޫލިއްޔަތު އަދާކުރަމުން ނުދާތީވެ، މިތާގަ ހުންނަ ސަފީރު އެމީހުން ގެނެސްގެން ހާޒިރުކޮށް އެމީހުންނާ ސުވާލުކުރާ މަންޒަރު ފެނިގެނެއް ނުދޭ،" ރިޔާޒު ވިދާޅުވިއެވެ.

އިންޑިއާގެ ސަފީރަށް ނުސީދާކޮށް އިޝާރާތް ކުރައްވައި ރިޔާޒު ވިދާޅުވީ ސަރުކާރާ އިދިކޮޅު މީހަކު ޖަލަށްލައިފިނަމަ "ޖެހިގެން އަންނަ ދުވަހު އެ ސަފީރު ރޯދަ ވީއްލާނީ" އެމީހާއާއެއްކޮށް ކަމަށާއި އެއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

ރިޔާޒު ވިދާޅުވީ އެފަދަ ކަންތައްތަކަކީ ވަރަށް މުހިންމު ސީރިއަސް ކަންތައްތަކެއް ކަމަށާއި އޭނާ އެ ވާހަކަ ދައްކަނީ ވިލުފުށި ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ކަމަށެވެ. އަދި އެ ވާހަކައަށް ސަރުކާރުން ޒިންމާ އުފުލަންނުޖެހޭނެ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

"މިތާ މިވާހަކަ މިދައްކަނީ ވިލުފުށި ދާއިރާގެ މެމްބަރު. އަޅުގަނޑަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރޭ މިތަނުން އިއުލާންކުރިނަމަވެސް އަޅުގަނޑު ތަމްސީލުކުރަނީ ވިލުފުށި ދާއިރާ. އަޅުގަނޑު މިތާ މި ވާހަކަ ދައްކަނީ ރައްޔިތުންގެ ހައްގުގައި. އަޅުގަނޑު މި ދައްކާ ވާހަކައަށް ސަރުކާރު ޒިނާމާ ވާކަށް ނުޖެހޭނެ. ޒިންމާ އުފުލާކަށް ވެސް ނުޖެހޭނެ. އަދި މި ޓީވީތައް ވެސް އުފުލާކަށް ނުޖެހޭނެ. އޭގެ ޒިންމާ އުފުލާނީ އަޅުގަނޑު،" ރިޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް