12 އަހަރަށް ފަހު އިންޑިއާއިން ކްރިކެޓް ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކޮށް، ރެކޯޑެއް ހަދައިފި

އިންޑިއާއިން އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކާމިޔާބު ކުރުން -- ފޮޓޯ/ އޭއެފްޕީ

އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދައިފިއެވެ.

މިމުބާރާތް އިންޑިއާއިން ކާމިޔާބު ކޮށްފައިވަނީ ދުބާއީގައި ކުޅުނު ފައިނަލް މެޗުގައި ނިއުޒީލަންޑާ ބައްދަލުކޮށް ހަތަރު ވިކެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ޓޮސް ދިމާވުމުން ނިއުޒީލަންޑުން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން ނިއުޒީލަންޑުން އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 251 ލަނޑެވެ.

މިމެޗުގައި ނިއުޒީލަންޑް ޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކީ 63 ލަނޑު ހަދައިދިން ޑެރީލް މިޝޭލްއެވެ. އަދި މައިކަލް ބްރޭސްވެލްވަނީ ނުބައިނުވެ 53 ލަނޑު ހަދައިދީފައެވެ.

މީގެއިތުރުން މިމުބާރާތުގައި ނިއުޒީލަންޑަށް މޮޅު ކުޅުމެއް ދައްކައިދިން ރަޝިން ރަވިންޑްރަ ވަނީ 37 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މި އިނިންގްސްގައި އިންޑިއާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 40 ލަނޑަށް ދެ ވިކެޓް ނަގައިދިން ކުލްދީޕް ޔާދަވް އާއި 10 އޯވަރު 45 ލަނޑަށް ދެ ވިކެޓް ނަގައިދިން ވަރުން ޝަކްރަވަރުތީއެވެ.

އިންޑިއާއިން އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކާމިޔާބު ކުރުން -- ފޮޓޯ/ އޭއެފްޕީ

ޖަވާބުގައި އިންޑިއާއިން ކުޅެން އަރައި 49 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެންވަނީ 254 ލަނޑު ހަދާ މެޗު ކާމިޔާބު ކޮށްފައެވެ. މިމެޗުގައި އިންޑިއާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 76 ލަނޑު ހަދަައިދިން ކެޕްޓަން ރޯހިތު ޝަރުމާއެވެ. މީގެއިތުރުން ޝްރެޔާސް އިޔަރު 48 ލަނޑު ހަދައިދިން އިންއިރު ކޭއެލް ރާހުލް ނުބައިނުވެ 34 ލަނޑު އަދި ޝުބްމަންގިލް 31 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މި އީނިންގްސްގައި ނިއުޒީލަންޑަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 28 ލަނޑަށް ދެ ވިކެޓް ނަގައިދިން ބްރޭސްވެލް އާއި 10 އޯވަރު 46 ލަނޑަށް ދެ ވިކެޓް ނަގައިދިން ކެޕްޓަން މިޝޭލް ސަންޓްނާއެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕުގެ ފައިނަލްގައި އަމިއްލަ ގައުމުގައި އޮސްޓްރޭލިއާ އަތުން އިންޑިއާ ބަލިވިފަހުން މިހާރުމިވަނީ ޓީ 20 ވޯލްޑް ކަޕްގެ އިތުރުން ޗެމްޕިއަންސް ޓްރޮފީ ކާމިޔާބު ކޮށްފައެވެ.

މި ކާމިޔާބީއާއެކު އިންޑިއާ މިވަނީ މިމުބާރާތް ރިކޯޑް އަދަދެއް ކަމަށްވާ ތިން ފަހަރު ކާމިޔާބު ކޮށްފައެވެ. ނަމަވެސް އެޓީމަށް އެންމެ ފަހުން މިމުބާރާތް ކާމިޔާބު ކުރެވިފައިވަނީ 2013 ވަނަ އަހަރެވެ.

ޕާކިސްތާންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވި މިމުބާރާތަށް އިންޑިއާއިން ދިއުމަށް ދެކޮޅު ހެދުމާއެކު އިންޑިއާގެ ހުރިހާ މެޗެއްވެސް ކުޅެފައިވަނީ ދުބާއީގައެވެ.

comment ކޮމެންޓް