ބައި މިލިއަން ޓޫރިސްޓުން އައިއިރު އިންޑިއާ މާކެޓް އަދިވެސް ދަށަށް

އޮގަސްޓް 11، 2021ގައި ރާއްޖެ އައި އިންޑިއާގެ ފަތުރުވެރިންތަކެއް: ބައި މިލިއަން ޓޫރިސްޓުން އައިއިރު އިންޑިއާ މާކެޓް އަދިވެސް ދަށަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަރުގެ މިހާތަނަށް ބައި މިލިއަނާ ގާތްކުރާ ވަރަށް ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރިއިރު، އިންޑިއާގެ މާކެޓު އަދިވެސް ދަށަށް ދާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިންޑިއާއަކީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އެއީ، އަހަރެއްގެ މައްޗަށް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކޮށްގެންނެވެ.

ނަމަވެސް 2023 ވަނަ އަހަރުގެ ފަހުކޮޅު އިންޑިއާ މާކެޓު ވަނީ ދަށަށް ދާން ފަށައިފައެވެ. އެފަހުން 2024 ވަނަ އަހަރު ފެށުނުއިރު އެއްވަނަ މާކެޓެއްގެ ގޮތުގައި ރަޝިއާ އޮތުމަށްފަހު، ޗައިނާއިން ވަނީ ކުރި ހޯދައިފައެވެ. އަދި އަހަރު ނިމުނީ ވެސް ޗައިނާ މާކެޓު އެއްވަނައިގައި އޮވެގެންނެވެ.

މިއަހަރު ފެށުނުއިރު އިންޑިއާ މާކެޓު އޮތީ ފަސްވަނައިގައެވެ. ނަމަވެސް ޖެނުއަރީ 11ގައި އިންޑިއާގެ މާކެޓު ވަނީ ހަވަނައަށް ވެއްޓިފައެވެ. އިންޑިއާ މާކެޓު ހަވަނައަށް ވެއްޓުނީ އަހަރު ފެށުނުއިރު ނުވަ ވަނައިގައި އޮތް ޗައިނާގެ މާކެޓު ކުރިއަށް ޖައްސާލައި ފަސް ވަނައަށް އެރުމުންނެވެ. އެއަށްފަހު ޖެނުއަރީ މަހުގެ 26 ހިސާބުގައި ޗައިނާ ވަނީ އެއްވަނަ މާކެޓަށް ވެފައެވެ. މިއަދާ ހަމައަށްވެސް ޗައިނާ އޮތީ އެއްވަނަ މާކެޓުގެ ގޮތުގައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް އައިސްފައި ވަނީ 23،823 ފަތުރުވެރިންނެވެ.

އޮގަސްޓް 11، 2021ގައި ރާއްޖެ އައި އިންޑިއާގެ ފަތުރުވެރިންތަކެއް: ބައި މިލިއަން ޓޫރިސްޓުން އައިއިރު އިންޑިއާ މާކެޓް އަދިވެސް ދަށަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ މާކެޓުގެ ޓްރެންޑަށް ބަލާއިރު ދަނީ ދަށްވަމުންނެވެ. އެގޮތުން އިންޑިއާ މާކެޓުގެ ޓްރެންޑް މިދިޔަ އަހަރުގެ ކުރީކޮޅު އޮތް ގޮތަށް ބަލާއިރު:

  • ޖެނުއަރީ 2024: 15،003 ފަތުރުވެރިން
  • ފެބްރުއަރީ 2024: 11،522 ފަތުރުވެރިން
  • މާރިޗު 2024: 8،322 ފަތުރުވެރިން

އިންޑިއާ މާކެޓުގެ ޓްރެންޑް މި އަހަރުގެ ކުރީކޮޅު އޮތް ގޮތަށް ބަލާއިރު:

  • ޖެނުއަރީ 28، 2025ގެ ނިޔަލަށް: 9،184 ފަތުރުވެރިން
  • ފެބްރުއަރީ 25، 2025ގެ ނިޔަލަށް: 10،137 ފަތުރުވެރިން
  • މާރިޗު 11، 2025ގެ ނިޔަލަށް: 4،505 ފަތުރުވެރިން

މި ވެރިކަމުގެ ކުރީކޮޅު ދެ ގައުމުގެ ގުޅުން ގޯސްވެ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވިއެވެ.

މީގެކުރިން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން އަންނަނީ އެ ގައުމުގެ ފަތުރުވެރިން ގެނައުމަށް ކެމްޕެއިންތައް ވެސް ހިންގަމުންނެވެ.

https://sun.mv/189740

ކޮވިޑާއެކު ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތައް ގޮތްހުސްވާ ހިސާބަށް ދިޔައިރު ނިސްބަތުން ރާއްޖެއަށް ކުރި އަސަރު ކުޑައެވެ. އެހެން އެކަން ދިމާވީ އިންޑިއާއިން ދިން އެތައް މިލިއަން ޑޮލަރެއްގެ ބަޖެޓް ސަޕޯޓާއި ކޮވިޑް ވެކްސިންތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އެ ގައުމުން ރާއްޖެއަށް އައި އެތައް ލައްކަ ފަތުރުވެރިންގެ ވެސް ސަބަބުންނެވެ. އަވައްޓެރި ސްރީ ލަންކާފަދަ ގައުމުތައް ބަނގުރޫޓް ވިއިރު ރާއްޖެއަށް ހަމަޖެހިލައިގެން އޮވެވުނީ މި ގައުމުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމަށް އިންޑިއާއިން ދިން އެއްބާރުލުމުގެ ސަބަބުންނެވެ.

ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ޓޫރިސްޓުން އެންމެ ގިނައިން ރާއްޖެ އަންނަނީ އެންމެ މުހިންމު ދުވަސްވަރެވެ. އެއީ ޔޫރަޕުގެ މާކެޓްތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ދާ ދުވަސްވަރެވެ. ޔޫރަޕުގެ ޓޫރިސްޓުން ފިނި މޫސުމުގައި ގިނައިން ރާއްޖެ އަންނައިރު އިންޑިއާގެ ޓޫރިސްޓުން ގިނައިން އަންނަނީ ހޫނު މޫސުމުގައެވެ. ނުވަތަ ރާއްޖޭގެ އޮފް ސީޒަންގައެވެ. މީގެ ސަބަބުން އޮފް ސީޒަންގެ މުއްދަތުތަކުގައި ފަތުރުވެރިކަމުގެ ޙަރަކާތްތަކާއި އާމްދަނީ ދެމެހެއްޓުމަށް އިންޑިއާގެ ފަތުރުވެރިން އެހީތެރިވެދެއެވެ. އެކަން ވަނީ އިންޑަސްޓްރީއަށް ވަރަށް ވެސް މުހިންމު ކަމަކަށެވެ.

https://sun.mv/197663

އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ، ދެގައުމުގެ ގުޅުން ގިނަ ދާއިރާތަކަކުން އިތުރު ކުރުމުގެ މަސައްކަތް ކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރި ޕްރޮމޯޓުކުރަން ރައީސް ވަނީ އިންޑިއާގެ ފިލްމީ ތަރިންނާއެކު އިވެންޓެއް ވެސް ބާއްވައިފައެވެ. ރައީސް ވަނީ ރާއްޖޭގައި ފިލްމް ޓޫރިޒަމް ކުރިއެރުވުމަށް ރާއްޖެ އައުމަށް މި ތަރިންނަށް ދައުވަތު ދެއްވާފައެވެ. އަދި ރާއްޖޭގެ ރީތިކަން އިންޑިއާގެ ފިލްމުތަކުގައި ބޭނުންކުރެވިދާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އަދި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީއިން އިންޑިއާ މާކެޓަށް ޚާއްސަކޮށްގެން އެ ގައުމުގައި ހަރަކާތްތަކެއް ވެސް ހިންގިއެވެ. ނަމަވެސް އެކަންކަމުގެ އެންމެ އެދެވޭ ނަތީޖާއެއް އަދި ފެނިފައެއް ނުވެއެވެ.

comment ކޮމެންޓް