ލުއިކާނާ ޕެކެޓްތަކެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅެނިކޮށް އިންޑިއާއިން އަތުލައިގަން މަސްތުވާ ތަކެތި

މިދިޔަ ބުދަ ދުވަހު އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެ ގައުމުން އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގެންފައި ވަނީ، އިންޑިއާގެ ކޯސްޓުގާޑާއި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންއެއްގައެވެ.

އިންޑިއާގެ ނޫހެއްގައި ރިޕޯޓުކޮށްފައި ވާގޮތުން، އިންޑިއާގެ ޓުޓިކޮރިން ބަނދަރުން މާލެއަށް މަސްތުވާތަކެތި އުފުލާކަމުގެ ރިޕޯޓެއް ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސަށް ލިބި އެކަން ހުއްޓުވުމަށްޓަކައި އެގައުމުގެ ކޯސްޓުގާޑުން އޮޕަރޭޝަނެއް ފެށިއެވެ.

އެއާއެކު، މިދިޔަ ބުދަ ދުވަހު އެގައުމުގެ ކޯސްޓު ގާޑުގެ ދެ އުޅަނދަކުން، މަސްތުވާތަކެތި އުފުލި ބޯޓު ހިފެހެއްޓީ ގަލްފް އޮފް މަންނާ ކިޔާ ސަރަހައްދަކުންނެވެ. އެއީ އިންޑިއާގެ ޓަމިލްނާޑު އާއި ސްރީލަންކާއާ ދެމެދު އޮންނަ ސަރަހައްދެކެވެ.

މި އުޅަނދު އަތުލައިގަނެވުމާއެކު، އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ޓުޓިކޮރިންގެ ބަނދަރަށް އުޅަނދު ވަނި ގެނެސްފައެވެ. މި އުޅަނދުގައި ނުވަ މީހުން ތިއްބެވެ.

އިއްޔެ އެމީހުން ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސާ ހަވާލުކޮށްފައި ވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވާގޮތުން، އެ އުޅަނދުން 30 ކިލޯގެ ހަޝިޝް އޮއިލް ވަނީ ފެނިފައެވެ.

އިންޑިއާގެ ނޫސްތަކުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ ލުއި ކާނާ ބަންދުކުރާ ޕެކެޓުތަކެއްގައެވެ.

މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 12 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ބަޔަކު, އިންޑިއާގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސްއިން ވަނީ އަތުލައިގެންފައެވެ.

https://sun.mv/201870

އެތަކެތި ވެސް އަތުލައިގަތީ ޓުޓިކޮރިން ބަނދަރުން ޔޮޓެއްގައި ރާއްޖެ އެތެރެކުރަން އުޅެނިކޮށެވެ.

މިދިޔަ ބުދަ ދުވަހު އިންޑިއާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތުމާ ގުޅިގެން އެއްވެސް އިދާރާއަކުން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލައެވެ. މި ސަރުކާރުން ގެންދަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް