ޗައިނާއާ އެކު ދިވެހި ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މިއަދު ކެބިނެޓުން ނިންމިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މަޖިލީހަށް ހުށަހެޅި އެ އެއްބަސްވުން ދިރާސާކުރި ކޮމެޓީން ރުހުން ދީފިއެވެ.
އެ އެއްބަސްވުން ދިރާސާ ކުރަން ހަވާލު ކުރި ގައުމީ ސަލާމަތު ކޮމެޓީން، އެ އެއްބަސްވުމަށް ރުހުން ދޭން ބޭއްވި ބައްދަލުވުމަށް ހޭދަވީ 10 މިނެޓެވެ. އެ އެއްބަސްވުމަށް ކޮމެޓީން ރުހުން ދީފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
އެ ކޮމެޓީއަށް އިދިކޮޅު މެމްބަރުންގެ ތެރެއިން ހާޒިރުވެވަޑައިގެން އިންނެވީ ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހިމެވެ.
ނިޒާރު "ސަން"އަށް ވިދާޅުވީ އެ އެއްބަސްވުން ދިރާސާ ކުރަން ހޭދަވީ އެންމެ 10 މިނެޓް ކަމަށާއި އެ އެއްބަސްވުން ވެސް މެމްބަރުންގެ އަތަށް ނުދޭ ކަމަށެވެ.
އެއްބަސްވުމާ ގުޅޭ ގޮތުން މައުލުމާތު ދެއްވުމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި ކަމަށާއި މިނިސްޓަރު ޖަވާބު ދެއްވީ "ވަރަށް ޖެނަރަލްކޮށް" ކަމަށް ނިޒާރު ވިދާޅުވިއެވެ.
ޗައިނާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް އަވަސް އަރުވާލައިގެން ސަރުކާރުން މަސައްކަތް ކުރަމުންދާތީ، އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ފާޑ ކިޔަމުންނެވެ.
ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފައްދައި އިދިކޮޅު ބައެއް މެމްބަރުން ކިޔަމުންދާ ފާޑުކިޔުންތަކާ ގުޅިގެން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ ސަރުކާރުން ބޭނުނ ްވަނީ އަވަހަށް ފާސްކުރަން ކަމަށެވެ. މަޖިލިސް ޗުއްޓީއަށް ވެސް ދާންޖެހޭ ކަމަށާއި އެހެންވެ، އެ އެއްބަސްވުން ވެސް އަވަހަށް ފާސްކުރަންޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
"އެ މީހުންނަށް ހީކުރެވެނީ ރަނގަޅަށް. އެއީ އަވަސް ކުރަން ބޭނުންވާތީ އަވަސްކުރަނީ. މަޖިލިސް ޗުއްޓީއަށް ވެސް ދާން އޮތުމާއެކީގައި،" ވިލުފުށީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވިއެވެ.
ކޮމެޓީގެ މަސައްކަތް ދިޔަ ގޮތާ ގުޅޭ ގޮތުން ކޮމެޓީގެ މުގައްރިރު އިބްރާހިމް ރިޒާއަށް "ސަން"އިން ގުޅާލުމުން ވިދާޅުވީ ވަރަށް އަވަދިނެތި އުޅޭތީ މިވަގުތު ޖަވާބެއް ދެވެން ނެތް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުން މިއަދު ހެނދުނު ފާސްކުރި ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ އެއްބަސްވުމުގެ ހުރިހާ ފައިދާއެއް ކުރާނީ ރާއްޖެއަށް ކަމަށެވެ.
މިނިސްޓާރު ވިދާޅުވީ މިއީ ދުނިޔޭގައި ވެސް ޗައިނާ ފަދަ ބޮޑު އިގްތިސާދެއް އޮތް ގައުމަކާ އެކު މިގޮތަށް ކުޑަ ގައުމަކުން ވެވޭ ފުރަތަމަ އެއްބަސްވުން ކަމަށެވެ.
ހާހަކަށް ވުރެ ގިނަ ސަފުހާގެ ޗައިނާ އެގްރިމެންޓް ދިރާސާ ކުރަން މަޖިލީހުގެ މެމްބަރުންނަށް ވަގުތު ނުދީ ސަރުކާރުން މަސައްކަތް ކުރަމުންދާތީ، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.