މަޖިލިސް ތަޅުމުގައި އެމްޑީޕީއަށް ބަސް ބުނާނެ ފުރުސަތެއް ނެތް، މިއީ ޑިމޮކްރަސީއެއް ނޫން: ނާޒިލް

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި: ވިދާޅުވީ މަޖިލިސް ތަޅުމުގައި އެމްޑީޕީއަށް ބަސް ބުނާނެ ފުރުސަތެއް ނެތް ކަމަށް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިހާރު އިދިކޮޅުގެ މެންބަރުންނަށް ބަސް ބުނާނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.

ނާޒިލް އެފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީ ޕީޖީގެ މެންބަރުން ވަނީ މަޖިލީހުގައި އެ މެންބަރުންނަށް ފުރުސަތެއް ނެތް ކަމަށް ވިދާޅުވެފައެވެ. އޭގެ އެއް ހެއްކަކީ ފާއިތުވި ހަފުތާއާއި މި ހަފުތާގައި ވެސް ރައްޔިތުންނާ ގުޅުން ހުރި މުހިންމު މައްސަލަތަކުގައި ހުށަހެޅި ކުއްލި މައްސަލަތައް ވެސް ބަލައިނުގަތުނެ ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ.

އޭގެ ތެރޭގައި ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމުތަކަކާ އެކު، މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރަމުން ދިޔަ ދަނޑިވަޅެއްގައި ހުށަހެޅި ކުއްލި މައްސަލައާއި، އައްޑޫ ސިޓީގެ ކަރަންޓު މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލައިގެ ވާހަކަ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ/ މަޖިލިސް

މެންބަރުންގެ ވާހަކަތަކަށް ބާރު ދެއްވައި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، ކުއްލި މައްސަލައިގައި މަޖިލީހުގެ ރިޔާސަތުން މިހާރު އަމަލުކުރަމުންދާ ގޮތް އެއްވެސް ވަރަކަށް ސާފު ނޫން ކަމަށެވެ. އެހެންކަމުން މިހާރު ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅަންވީ ކިހިނެއް ކޮން ގޮތަކަށް ކަމެއް ވެސް މެންބަރުންނަށް އެނގިނުލައްވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ރިޔާސަތުން ކުއްލި މައްސަލަތައް ބަލައިނުގަނެ ބޭރުކުރަނީ އުސޫލާ ޚިލާފަށް ކަމަށެވެ. އަދި މައްސަލައެއްގައި އެމްޑީޕީގެ މެންބަރުން ދައްކަވާ ވާހަކަތަކަށް ވެސް ރިޔާސަތުން ހުރަސްއަޅުއްވާ ކަމަށް ވިދާޅުވިއެވެ.

ދައްކަންޖެހޭ ވަރަށް ގިނަ ވާހަކަތަކެއް އެބަހުރި. ރަމަޟާންމަހުގެ މެންދުރުފަހު ވެސް ޕްރެސްތައް ބާއްވަން މި ޖެހެނީ މަޖިލީހުގެ ފްލޯގައި ތަފްސީލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު އަޅުގަނޑުމެނަށް ލިބިގެން ނުދާތީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

ނާޒިލް ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ޑިމޮކްރަސީއެއްގައި ކަން ހިނގަން ވާނެ ގޮތެއް ނޫން ކަމަށެވެ.

ކުއްލި މައްސަލައިގެ އިތުރަށް ވަޒީރުންނާ ސުވާލުކުރުމަށް ވެސް އެމްޑީޕީގެ މެންބަރުންނަށް އުނދަގޫ ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކި މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީން އެކިއެކި މައްސަލަތަކުގައި ގިނަ ކުއްލި މައްސަލަތަކެއް 20ވަނަ މަޖިލީހުގައި ހުށަހަޅާފައިވެއެވެ. މަދު މައްސަލައެއް މިހާތަނަށް ބަލައިގެންފައިވީ ނަމަވެސް ގިނަ މައްސަލަތައް ވަނީ ޕީއެންސީގެ ސުޕަ މެޖޯރިޓީން ބަލައިނުގަނެ ބޭރުކޮށްލައިފައެވެ. އަދި ބައެއް ހާލަތްތަކުގައި ކުއްލި މައްސަލައެއްގައި ހުންނަންޖެހޭ ޝަރުތުތައް ހަމަނުވާ ކަމަށް ބުނެ، ރިޔާސަތުން ވެސް އެ މައްސަލަތައް ބޭރުކޮށްފައިވެއެވެ.

މީގެ ކުރިން ޕީއެންސީން ވަނީ މައިނޯރިޓީއަށް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޑުއުފުލުމަށް މި މަޖިލީހުން ފުރުސަތު ލިބޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް