34 ގަޑިއިރުގެ ދިގު ދަތުރަށް ފަހު، އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވާނެ: ގައުމީ ކޯޗު

އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ފުރުމުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމު ފޮޓޯއަކަށް ހުއްޓިލައިގެން: އެ މެޗު ކުޅޭނީ ރާއްޖޭގަޑިން މިރޭ 7:00ގައި --- ފޮޓޯ/ އެފްއޭއެމް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުރި 34 ގަޑިއިރުގެ ދިގު ދަތުރަށް ފަހު އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ފަލަސްތީނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުގައި އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި އެކަމަކު ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ގައުމީ ކޯޗު ޑެރަން ސްޓެވާޓް ބުނެފި އެވެ.

ރާއްޖޭ ގަޑިން މިރޭ 7:00ގައި ކުޅޭ އެ މެޗަށް ނުކުންނަ ފަލަސްތީނު ޓީމަކީ ކޮލިފައިންގެ ޖާގައެއް ކަށަވަރު ކޮށްފައިވާ ޓީމެކެވެ. ކޮލިފައިންގެ 'ގްރޫޕް ޑީ'ގެ އެއް ވަނައިގައި 12 ޕޮއިންޓާ އެކު ފަލަސްތީނު އޮތް އިރު، ދެ ވަނައިގައި އޮތް އޮމާނަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ފަލަސްތީނާ އެކު އޮމާނަކީ ވެސް ކޮލިފައިންގެ ޖާގައެއް ކަށަވަރު ކޮށްފައިވާ ޓީމެކެވެ. ތިން ވަނައިގައި އޮތް ރާއްޖެއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕްގެ ފުލުގައި އޮތް ބޫޓާނަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

"ދިގު ދަތުރެއް ކޮށްފައިވާތީ، ކުޅުންތެރިންގެ ކިބައިން އެންމެ ވަރުގަދަ ކުޅުން ދެއްކުމަށް އަހަރެން އެދުމަކީ އެންމެ ރަނގަޅު ކަމަކަށް ނުވާނެ. އެކަމަކު އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ފަލަސްތީނަކީ ވަރަށް ވަރުގަދަ ޓީމެއް. ވަރުގަދަ ނޫންނަމަ، އެމީހުން ކޮލިފައި ނުވީސް،" މިއަދު ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެމުން ރާއްޖޭގެ ކޯޗު ސްޓެވާޓް ބުންޏެވެ.

ސްޓެވާޓް ބުނީ، ފަލަސްތީނުން ރާއްޖޭގައި ކުޅުނު މެޗަށް ފަހު ކޮލިފައިންގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއް ބަލާފައިވާނެ ކަމަށާއި އޭގެ ތެރެއިން އޮމާނާ ދެކޮޅަށް ކުޅުނު މެޗުގައި ފަލަސްތީނުން ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ. އަދި ފަލަސްތީނާ ދެކޮޅަށް ކުރިން ކުޅުނު މެޗުގައި ނުކުޅޭ އާ ކުޅުންތެރިން މިހާރު ރާއްޖޭގެ ޓީމުގައި ހިމެނޭކަން ވެސް ގައުމީ ކޯޗު ފާހަގަކުރި އެވެ.

"ކުރީ މެޗުގައި ފަލަސްތީނާ ދެކޮޅަށް ނުކުތް އިރު، ލީގުގައި އަހަރެމެންގެ ކުޅުންތެރިން ކުޅުނީ ދެ ތިން މެޗު. އޭރު ޓީމުގައި ހިމެނުނު ސީނިއާ ކުޅުންތެރިން މިހާރުވެސް ޓީމުގައި ހިމެނޭ. އަދި އެ މެޗަށް ނުނަގާ ޒުވާން ކުޅުންތެރިންތަކެއް ވެސް މިހާރު ޓީމުގައި ހިމެނޭ. ކިތަންމެ ދިގު ދަތުރެއް ކޮށްފައިވީ ނަމަވެސް، މެޗަށް ފަހު އެއިން އެއްވެސް ކަމަކީ އުޒުރަކަށް ނުވާނެ. ހަގީގަތަށް ބުނަންޏާ، އަހަރެންވެސް މިހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައި،" އޭނާ ބުންޏެވެ.

ފަލަސްތީނާ ދެކޮޅަށް މާޗް މަހު އަމިއްލަ ގައުމުގައި ރާއްޖެ ކުޅުނު ކޮލިފައިން މެޗުން ބަލިވެފައި ވަނީ 3-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

comment ކޮމެންޓް