އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާނުން ޖެނޯއާ ބަލިކޮށް، އެއްވަނައަށް އަރައިފިއެވެ.
އިންޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
ޖެނޯއާއިން ވަނީ މެޗުގައި ވަރަށް ރަނގަޅަށް ޑިފެންޑްކޮށް އިންޓާއަށް އުނދަގޫ މެޗަކަށް ހަދައިފައެވެ. މެޗުގައި އިންޓާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒެވެ.
މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އިންޓާ މިހާރު ވަނީ އެއްވަނައަށް އަރައިފައެވެ. އެއީ، ކުޅުނު 26 މެޗުން ލިބިފައިވާ 57 ޕޮއިންޓާ އެކުއެވެ. އިންޓާއިން ވަނީ ކުރިން އެއްވަނައިގައި އޮތް ނަޕޯލީގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ނަމަވެސް، މިއަދު ނަޕޯލީ ކުޅޭ މެޗު ކާމިޔާބުކުރެވިއްޖެ ނަމަ އެ ޓީމަށް އަނެއްކާ ވެސް އެއްވަނަ ލިބިދާނެއެވެ.
މެޗުން ބަލިވުމުން ޖެނޯއާ އޮތީ 30 ޕޮއިންޓާ އެކު 12 ވަނައިގައެވެ. މުބާރާތުގައި އޭސީ މިލާނާއި ޓޮރީނޯ ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި 2-1 އިން ކާމިޔާބުކޮށްފައިވަނީ ޓޮރީނޯއެވެ. މެޗުގައި ޓޮރީނޯއިން ކާމިޔާބު ކުރި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ މިލާންގެ މަލިކް ތިއާއު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގުވިޑާސް ގިނެއިޓިސްއެވެ.
މެޗުގައި މިލާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓިޖާނީ ރެއިންޑާސެވެ. މި މެޗު ކާމިޔާބުކުރެވުމުން ޓޮރީނޯ އޮތީ 31 ޕޮއިންޓާ އެކު 11 ވަނައިގައެވެ. މިލާން އޮތީ 41 ޕޮއިންޓާ އެކު ހަތްވަނައިގައެވެ.